ޢީދު މިސްކިތުން އަނެއްކާ ވެސް ވައްކަމެއް؛ މި ފަހަރު 13 ބޮތްކާއި ފަންކާ ނަރުތަކެއް

އީދު މިސްކިތުން 13 ބޮތްކާއި ފަންކާ ނަރުތަކެއް ވަނީ ވަގަށް ނަގާފައި -- ފޮޓޯ' މާލެ ސިޓީ ކައުންސިލް

މަރާމާތަށް ބަންދުކޮށްފައިވާ މާލޭގެ ޢީދު މިސްކިތުން 13 ބޮތްކާއި ފަންކާ ނަރުތަކެއް ރޭ ވަގަށް ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ މިސްކިތް މަރާމާތަށް ބަންދުކޮށްފައިވަނިކޮށް، ރޭގެ 18:00 އާއި 22:00އާ ދެމެދުގެ ވަގުތެއްގައި އެ މިސްކިތުން ވައްކަން ކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 13 ބޮތްކާއި އަށް ފަންކާއެއްގެ ނަރުތަކެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ދޭތެރެ ދޭތެރެއިން މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ބައެއް ކަހަލަ ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ފެންމަތިވެއެވެ. އެ ގޮތުން، މާލޭގެ ދެ މިސްކިތެއްގައި އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުން ދިން މައްސަލައެއް ވެސް މިދިޔަ މާޗު މަހުގެ ތެރޭގައި ސަމާލު ކަމަށް އައިސްފައިވެއެވެ.

މީގެ އިތުރުން، ބައްތިތަކުގެ ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ނަގާކަމުގެ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،381 މައްސަލައެއްގެ ރިޕޯޓު އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް