ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް, އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ.
މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް ޝަރީފް މަގާމާ ހަވާލުވެވަޑައިގަތީ މިއަދެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑާޝިޕްގައި ޚިދުމަތްކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޝަރީފް ވަނީ މަސައްކަތްކުރައްވާފައެވެ. އަދި އޭނާގެ ލީޑާޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާއެކު މިދިޔަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަންކުރައްވާފައެވެ.
އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރަށްޓަކައި ނުހަނު ޝުކުރުވެރިވަން. އަޅުގަނޑުގެ ތަޖުރިބާއާއެކު މި މަގާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅިގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން. އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަން މުޙައްމަދު ޝަރީފް
ޗެއާމަންކަމުގެ މަގާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ ޓްރެޒަރާ ޑރ. ޑާސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ކުރިއެރުމާއި ތަރައްގީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޭބީއޭގެ ސެކްރެޓަރީ ޓްރެޒަރާ ދެއްވިއެވެ.
މީގެ 45 އަހަރު ކުރިން 1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ.
އެ މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިން ދާއިރާގެ އިސްވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންގެ އިތުރުން ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި ގާބިލުކަން އިތުރުކުރުމާއި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
އޭބީއޭ އިން ޝަރީފް މި މަގާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިން ލީޑާޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން ޝަރީފްގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދެއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު އެކަކުން ތިނަކަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.