ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަނެ، ބޭރުކޮށްލަން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅުވައި، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހުގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.
އެކަމަކު، މަޖިލީހުގެ 241 ކޮމިޓީގައި އެ ބިލުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
އެހެންވެ، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ އެ ބިލުގެ މަސައްކަތް އަވަސްކުރަން ސަރުކާރަށް ގޮވާލައި ގަރާރެއް ހުށަހަޅާފައެވެ. ނަމަވެސް، ގަރާރު ބަލައިގަތުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން ވޯޓުދެއްވީ 15 މެންބަރުންނެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ގިނަ މެންބަރުން ހިމެނޭހެން 63 މެންބަރުން ވަނީ ގަރާރު ބަލައިނުގަނެ، ބޭރުކޮށްލަން ވޯޓުދެއްވައިފައެވެ. އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ ކަމަށް ވެސް ވޯޓުދެއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު އިޒްރޭލު ޕާސްޕޯޓު މައްސަލައިގެ ގަރާރަށް ބަހުސްކުރީއިރު ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ރާގު ވެސް ވަނީ ބަދަލުވެފައެވެ.
އެ ގޮތުން، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުން ހިމެނޭހެން މެންބަރުން ވަނީ ވަކި ގައުމެއްގެ ޕާސްޕޯޓު މަނާކުރުމުން ފަތުރުވެރިކަމަށް އަސަރުކުރާނެކަން ފާހަގަކުރައްވައިފައެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ގޮތެއް ނިންމާއިރު، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ނުރުހުން ބޮޑުވެފައި އޮއްވައި، މި މަހުގެ 12 ވަނަ ދުވަހު 241 ކޮމިޓީއަށް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލަންށެވެ.
ޕީއެންސީން މީގެ ކުރިން ވަނީ މި ބިލުގެ މަސައްކަތް ލަސްވަނީ ދިރާސާކުރާތީ ކަމަށް ބުނެފައެވެ.