އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ރާގު ބަދަލުވެއްޖެ، ވިދާޅުވަނީ ފަތުރުވެރިކަމަށް އަސަރުކުރާނޭ

ވިހިވަނަ މަޖިލީހުގެ ޕީއެންސީ މެންބަރުން: އިޒްރޭލު ޕާސްޕޯޓު މައްސަލާގައި ޕީއެންސީ މެންބަރުންގެ ރާގު ބަދަލުވެއްޖެ -- ސަން ފޮޓޯ/ މޫސާ ނަދީމް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ މެންބަރުންގެ ރާގު މިހާރު ބަދަލުވެއްޖެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ޔަހޫދީ އިޒްރޭލުން، ފަލަސްތީނަށް ދޭން ފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމީ ޖޫން ދޭއްގައެވެ.

އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހުގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.

އޭރު ސަރުކާރު މެންބަރުން ވެސް އެ ކަމަށް ތާއީދުކުރެއްވި ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ކޮމިޓީގައި އެ ބިލު އޮތީ ތާށިވެފައެވެ.

އެ ކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީން ކުއްލި މައްސަލަ ވެސް އެކި ފަހަރުމަތިން ހުށަހެޅިއެވެ. އަދި، ލަސްވާ ސަބަބު ސާފުކުރެއްވުމަށް މެންބަރު މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސީޓީއެއް ވެސް ފޮނުއްވިއެވެ.

އެހެންނަމަވެސް، މިހާރު ފެނިގެން ދަނީ ސަރުކާރު މެންބަރުންގެ ރާގު ބަދަލުވެފައިވާ މަންޒަރެވެ.

މި މަހުގެ 12 ވަނަ ދުވަހު 241 ކޮމިޓީއަށް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލަންށެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ބިލުގެ މަސައްކަތް ލަސްވާތީ އެމްޑީޕީން ހުށަހެޅި ގަރާރަށް ބަހުސްކުރުމެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ/ މަޖިލިސް

ބަހުސްގެ ވަގުތުގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ރާއްޖެއަކީ މުޅިންހެން ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށެވެ.

"އެއް ގައުމު އަނެއް ގައުމާ މިވަނީ ގުޅިފައި. ރާއްޖޭގެ ރީތިކަމުގެ އުފާ އެ މީހުންނަށް ލިބުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެހެންނަމަވެސް، އެއް ގައުމު އަނެއް ގައުމާ ގުޅިލާމެހިފައިވާ އަދި އެއް ބަޔަކު އަނެއް ބައެއްގެ އެހީތެރިކަން ހޯދަމުންދާ ދަނޑިވަޅެއްގައި އިޒްރޭލާ ގުޅުން ހުރި އެހެނިހެން ގައުމުތަކުގައި ތިއްބަވާނެ އަޅުގަނޑުމެންނަށް "ސެންކްޝަން" އެއް އަޅާފާނެ ބަޔަކު،" ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން އެ ވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު މަޝްވަރާކޮށް ވިސްނަން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި، އެ ކަމާ ގުޅޭ ހުރިހާ ވުޒާރާތަކާއި ސްޓޭކްހޯލްޑަރުންނާއި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ވެރިއަކު ފަލަސްތީނުގެ ހައްގުގައި އެންމެ ހަރު އަޑުން ވަކާލާތުކުރެއްވި ރައީސަކީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން، ލިބުނު ކޮންމެ މައިކެއްގައި ކޮންމެ ޕޯޑިއަމެއްގައި އެ ކަމަށް މަސައްކަތް ކުރައްވާ ވަކާލާތުކުރެއްވި ކަަމަށް ޝުޖާއު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ -- ފޮޓޯ/ މަޖިލިސް

ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، އަރަބިންނަކީ އާއިލީގޮތުންނާއި، ދަރުފަސްކޮޅުގެ ގޮތުންނާއި، ދީނީ ގޮތުން ވެސް ފަލަސްތީނާ އެއްބަނޑު އެއްބަފާ ބައެއް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ވުރެ މާ މުއްސަނދި، މާ ފުދުންތެރި، އަފި ފަލަސްތީނު ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ވެސް ވިސްނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ބަސް އިއްވުމަށް މަޖިލީހަށް އައިސް ތިބި ބަޔަކު އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ރާއްޖެއަށް ވާނީ ފައިދާތޯ ނޫނީ ގެއްލުންތޯ ވެސް، އެކަން ނިންމުމުގެ ކުރިން ވިސްނަންޖެހޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ގައުމުގެ ހާލަތު މިއަދު އޮތީ އެހެން އެއްވެސް ގައުމަކާ "ޖެހިގަނެގެން" އުޅެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށާއި މި ގައުމުގެ ހާލަތަކީ ހުރިހާ ކަމަށް ވެސް ބަލައިގެން ފިޔަވަޅު އަޅަން ޖެހިފައި އޮތް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިޒްރޭލު ރާއްޖެއަށް އަންނަން އަޅުގަނޑުމެން ދެކޮޅު ހަދާއިރު އިޒްރޭލުގައި ވެސް އެބައުޅޭ އަލުގަނޑުމެންނާ އެއް ދީނެއްގެ އަހުލުވެރިން، އެފަދަ މީހުން ރާއްޖެ އަންނަން މަނާކުރަން ޖެހޭ ސަބަބެއް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އޮންނާނެ ކަމަކަށް،" ސައުދުﷲ ވިދާޅުވިއެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް -- ފޮޓޯ/ މަޖިލިސް

ބަހުސްގެ ވަގުތުގައި ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އެމްޑީޕީން އެ މައްސަލައިގައި ވެސް ކަންކަން ކުރަނީ ސިޔާސީ ފިކުރުގައި ކަމަށެވެ.

އެގޮތުން، އިޒްރޭލުގެ ޑޮކްޓަރުންތަކެއް ގެނެސް މުޅި ރާއްޖޭގެ އެތައް މިތަނަށް ފަތުރައި ހެދީ ވެސް އެމްޑީޕީގެ ސަރުކާރެއްގައި ކަމަށާއި ތައުލީމީ ދާއިރާއަށް ވެސް އިޒްރޭލުގެ މީހުން ލައިގެން އުޅުނު ކަމަށް ތުހުމަތުކުރެއްވިއެވެ. އެއީ އޭރު ވެސް އިޒްރޭލުގެ މައްސަލަ އެންމެ ބޮޑަށް ދެއްކި ދުވަސްވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހަޅައި، އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެނެސް އެކަން ކުރާނެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް ވެސް މިދިޔަ ދައުރުގައި ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"[ސުޕަ މެޖޯރިޓީ] ލިބި އެކަން ނުކޮށް ތިބެ މިއަދު ޕީއެންސީގެ ސަރުކާރެއް އައީމަ އެކަން ރައްޔިތުންނަށް މި ބޭފުޅުން [އެމްޑީޕީގެ މެންބަރުން] މާ ބޮޑަށް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނަށް މާ ހެޔޮ އެދޭ، މާ ރަނގަޅު މުސްލިމު ބަޔަކުކަން ދައްކަންވެގެން މަސައްކަތްތަކެއް ދައްކަންވެގެން ރައްޔިތުންނަށް އުޅޭގޮތަށް ކުރަމުންދާތީ އެކަން ފާހަގަކޮށްލަން،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ.

ޕީއެންސީން މީގެ ކުރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރާތީ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ބިލުގެ މަސައްކަތް ލަސްވާތީ އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމުމުން މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

comment ކޮމެންޓް