އިޒްރޭލު ޕާސްޕޯޓު މަނާނުކުރުން ލަސްކުރަނީ ސަރުކާރު ''ފިނޑިކަމުން'': މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާނުކުރުން ލަސްކުރަނީ މި ސަރުކާރު "ފިނޑިކަމުން" ކަމަށް -- ފޮޓޯ/ މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ތާށިވެފައި އޮތީ މި ސަރުކާރުގެ "ފިނޑިކަމުން" ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް ލަސްވާތީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅި ގަރާރަށް ބަހުސްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ބަހުސްގައި، ބިލު ހުށަހެޅުއްވި މެންބަރު މީކާއިލް ވިދާޅުވީ، އެންމެ ސަފުހާއެއްގެ އިސްލާހެއް ކޮމިޓީ މަރުހަލާގައި ތާށިވެފަ އޮންނަތާ 163 ދުވަސްވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހަޅައި އެ ދުވަހު މަޖިލީހުގެ މެންބަރުންގެ ކިބައިން އިޚުލާސްތެރިކަމާ އެކު ގައުމީ ކަމެއްގެ ގޮތުގައި ދެކި، ސިޔާސީ ފިކުރު އެއްފަރާތްކޮށް އަވަހަަށް ބިލުގެ މަސައްކަތް ނިންމައިދިނުމަށް އެދުނު ކަމަށެވެ. އެ ދުވަހު އުންމީދުކުރީ ޕީއެންސީގެ މެންބަރުންނަށް ކެރިވަޑައިގަންނަވާނެކަމަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް، ބަހުސްކުރަން ވެސް އެ ދުވަހު ކެރިވަޑައިނުގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"...ނަމަވެސް އެ ދުވަހު ސިޔާސީ ޕާޓީއެއްގެ އާރާއި ބާރު ފެނިވަޑައިގަތީ، ޕީޖީ ލީޑަރު [އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު] ވަކިވަކި މެންބަރުންގެ އަރިހަށް ވަޑައިގެން ބަހުސްނުކުރެއްވުމަށް ވިދާޅުވި،" މީކާއިލް ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ފޮޓޯ/ މަޖިލިސް

އެ ވަގުތު ނިޒާމީ ނުކުތާއެއް ނަންގަވައި، މެންބަރު ފަލާހު ވިދާޅުވީ، އެއީ "ކަނޑައެޅިގެން މުތުލަގަށް ހެއްދެވި އިތުރުފުޅެއް" ކަމަށެވެ. އެއީ، ނިޒާމީ މައްސަލައެއްގެ ގޮތުގައި ރިޔާސަތުން ވަނީ ބަލައިގެންފައެވެ.

އެހެންނަމަވެސް، މީކާއިލް ތުހުމަތުކުރެއްވި ގޮތުގައި ޕީއެންސީ މެންބަރުންނަށް އަންގާފައި ވަނީ އެ ބިލަށް ބަހުސްނުކުރުމަށެވެ.

"ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކިގެން އަމަލުކޮށްގެން ނުވާނެ. ކޮން ބޭނުމެއްގައިތޯ؟ ސިޔާސީ ގޮތުން މެންބަރުން ކޮންޓްރޯލްކުރެއްވުމުގެ ބޭނުމުގައި މި ރައްޔިތުންގެ މަޖިލިސް އޮޕަރޭޓްކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ. މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށް ވެގެން ބޮޓުންނަށް ވެގެން މިތާ އުޅުއްވަންތޯ މިއަދު ރައްޔިތުންގެ މަންދޫބުން އެދިލައްވަނީ؟،" މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމައެކަނި އެދޭ ކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ ހަމަލާތަައް ކުށްވެރިކުރުމަށްޓަކައި އެކަމުގައި ރާއްޖެއިން ސްޓޭންޑެއް ނެގުމަށް ކަމަށެވެ. އެއީ، ސިޔާސީ ގޮތުން ބުނާ ބުނުމެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. ހަމައެއާއެކު 24 ގަޑިއިރުން ޓެކްސް ބިލުތައް ފާސްކުރާ ގޮތަށް އެ ބިލު ފާސްކުރަން އޭނާ ވަނީ ގޮވާލައްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގަތީ "ބޮޓުން"ގެ ނަމުން މެންބަރުންނަށް މުޚާތަބުނުކުރެއްވުމަށެވެ. އެއީ މަޖިލީހުގެ މެންބަރުންގެ އިއްޒަތާއި ކަރާމާތަށް އެރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޖޫން މަހުގެ 10ވަނަ ދުވަހު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، 241 ކޮމިޓީއަށް ފޮނުވި ބިލުގެ މަސައްކަތް ކޮމިޓީގައި އޮންނަތާ ފަސް މަސްވެގެން ދިޔައިރު، އިދިކޮޅު އެމްޑީޕީން އަންނަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މަހުގެ 12 ވަނަ ދުވަހު 241 ކޮމިޓީއަށް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލަންށެވެ.

comment ކޮމެންޓް