ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެ ގައުމުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ރުހުން ދެއްވައިފިއެވެ.
ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމިއްޔާތަކާ ދެކޮޅަށް އޮޕަރޭޝަން ފެށުމަށް ޝެހްބާޒް އިއުލާންކުރެއްވީ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ސަރުކާރުގެ ސަލާމަތީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުއެވެ.
އަސްކަރީ އޮޕަރޭޝަން ހިންގުމަށް އިއުލާނުކުރެއްވި މި މަހުގެ ނުވަވަނަ ދުވަހު ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) ގްރޫޕްގެ މެންބަރަކު ރޭލު ސްޓޭޝަނެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 26 މީހުން މަރުވެފައިވާ ވަގުތެއްގައެވެ. އޭ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސިފައިންނެވެ.
ޝެހެބާޒްހެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ބީއެލްއޭއާއި އެހެނިހެން ޖަމާއަތްތަކަށް އަމާޒުކޮށްގެން އަސްކަރީ އޮޕަރޭޝަން ހިންގާނެ ކަމަށެވެ. ނަމަވެސް، އޮޕަރޭޝަން ފެށޭނީ ކޮންއިރަކު ކަމެއް ހާމަކޮށްފައެއްނުވެއެވެ.
އެ ޖަމާއަތްތަކުގެ މައްޗަށް ތުހުމަތުކުރަނީ އަދާވާތްތެރި ބޭރު ބާރުތަކުގެ އެދުމުގެ މަތިން ޕާކިސްތާނުގެ އިގުތިސާދީ ކުރިއެރުން ފުނޑުފުނޑުކޮށްލުމަށް މައުސޫމް އާންމުންނާއި ބޭރު ގައުމުތަކުން ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާތައް ދޭ ކަމުގެ ތުހުމަތެވެ.
ފާއިތުވި މަސްތަކުގައި ބަލޫޗިސްތާނާއި ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ހަނގުރާމަވެރިންގެ އަނިޔާވެރިކަން އިތުރުވެފައިވާއިރު، އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ގާނޫނާ ހިލާފު ބީއެލްއޭއާއި ޓީޓީޕީ ޖަމާއަތްތަކަށެވެ.
ތެލާއި މަޢުދަން ގިނަ ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު ޕްރޮވިންސެވެ. ބަލޫޗް މައިނޯރިޓީގެ މެންބަރުން ބުނާ ގޮތުގައި ސަރުކާރުން އެ މީހުންނާމެދު ތަފާތުކުރުން ގެންގުޅެއެވެ.
ބީއެލްއޭގެ ހަމަލާތައް ގިނައިން އަމާޒުކުރަނީ ސަލާމަތީ ބާރުތަކަށާއި ބިދޭސީންނަށް ޚާއްސަކޮށް ޗައިނާގެ ބިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގެ ދަށުން ޕާކިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނަށެވެ. ބީއެލްއޭއިން ބޭނުންވަނީ ޗައިނާގެ ފައިސާއިން ހިންގާ ހުރިހާ މަޝްރޫއުތަކެއް ހުއްޓުވުމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބީއާރްއައިގެ ދަށުން ޗައިނާއިން ވަނީ ޕާކިސްތާނުގެ އުމްރާނީ ތަރައްގީއަށް 65 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމާފައެވެ.