އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބަޖެޓާއެކު އެއްވެސް ރަށެއް އުނި ނުވެ، ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓުގެ ބަހުސް ކުރިއަށް ދިޔައިއިރު، މިނިސްޓަރު ޒަމީރު ވަނީ މެންބަރުންގެ ވާހަކަތައް އަޑުއެއްސެވުމަށް ހާޒިރުވެވަޑައިގެންފައެވެ.
ބަހުސްގެ ވަގުތުގައި ބައެއް މެންބަރުން ވަނީ ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށާއި، އަދި މި ސަރުކާރުގެ އެއް އަހަރު ނިމުނު އިރު ވެސް ބައެއް ދާއިރާތަކުގައި ޕްރޮޖެކްޓްތައް ކުރިއަށް ނުގޮސް ހުރިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. އަދި 2025ގެ ބަޖެޓު އެކުލަވާލިއިރު ވެސް ރަށްރަށަށް ހުރި ތަރައްގީގެ ޕްރޮޖެކްޓްތައް ސާފުނުވާކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.
އެ ވާހަކަތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާ ޒަމީރު ވިދާޅުވީ، ޕްރޮޖެކްޓް ލިސްޓެއް ބާއްވައިގެން ޕްރޮޖެކްޓްތައް ޖަހާފައި ހުރީ ކުޑަ އަދަދެއް ކަމަށެވެ.
"އަޅުގަނޑު ކުރިންވެސް ބަޖެޓު ކޮމިޓީގައި ވެސް ދެންނެވިން ކުޑަ އަދަދެއް ޖަހައިގެން ޕްރޮޖެކްޓެއް ފެށީމަ އެތައް ބައިވަރު ޕްރޮޖެކްޓެއް މިހުންނަނީ ޕައިޕްލައިންގަ ކުރިއަށް ނުގޮސް. އެއްގޮތަކީ ބަޖެޓު ނެތިގެން އަނެއް ގޮތަކީ ކޭޝްފްލޯ ނެތިގެން. ނޫނީ އެ ހަވާލުކުރާ ކުންފުންޏަށް ނުވުން،" ޒަމީރު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެމްޓީސީސީއާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕްރޮޖެކްޓެއް ހަވާލުކުރަމުން ގޮސް، ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާ ފައިނޭންސް ވެސް ކުރެވޭނެ ގޮތެއް ނެތިފައި ހުރިކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިފަހަރުގެ ޕްރޮޖެކްޓްތައް ހިމަނާފައި ހުންނާނީ އެ ހުރިހާ ކަމަކަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ހުރިހާ ކަމަކަށް ވިސްނާފަ ޕްރޮޖެކްޓްގެ ފަންޑް އެލޮކޭޓްކޮށް ހަދާފަ ރައީސްގެ ޕްރަޔޯރިޓީ ލިސްޓްގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށްގެންދަން. އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓުގައި ވެސް އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެ،" ޒަމީރު ވިދާޅުވިއެވެ.
ބަޖެޓު ބަހުސްގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ދުވަހަކީ ވެލިދޫ ދާއިރާއަށް ވަރަށް ބަނަ، ނިކަމެތި ފަސް އަހަރު ދުވަސް ކަމަށާއި މި ސަރުކާރުގެ ނިމިދިޔަ އެއް އަހަރު ދުވަހަކީ ވެސް ދާއިރާއަށް ވަރަށް ބަނަ، ނިކަމެތި އެއް އަހަރު ދުވަސް ކަމަށެވެ.
"މި ސަރުކާރުގެ ކޮންމެ ދޮރެއްގަ އަޅުގަނޑު ޓަކި ޖެހީމު. ކޮންމެ މިނިސްޓްރީއެއްގަ އަޅުގަނޑު ޓަކި ޖެހީމު،" ކަންބޮޑުވުން ފާޅުކުރައްވާ އައްބާސް ވިދާޅުވިއެވެ.
"ބަޖެޓުގެ ތަފްސީލަށް އަޅުގަނޑު މާ ދާން ބޭނުން ނުވާ ކަމަކީ، މި ބަޖެޓަކީ މި އިއްޒަތްތެރި މަޖިލީހުގަ މިކުރެވޭ ބަހުސްގެ އިތުރުން ބަޖެޓު ތައްޔާރުކުރުމުގައްޔާ، އަދި އެނޫންވެސް ގޮތްގޮތުން އަޅުގަނޑު ދާއިރާ ހިމެނޭގޮތަށް ތަރައްގީގެ އެއްވެސް ކަމެއްގައި މި ބަޖެޓު ހެދުމުގެ އެއްވެސް މަރުހަލާއެއްގައި އަޅުގަނޑާ މަޝްވަރާކޮށްފައި ނެތް ކަމަކަށް ވާތީ،"
ތަރައްގީގެ ވައުދުތަކާ ޚިލާފަށް ކަންކަން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް މަޝްވަރާކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ހަމައެހެންމެ ޕްރޮޖެކްޓެއް ވީހާވެސް އަވަހަށް ފަށައި ނިންމާލުމަކީ ދައުލަތަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާވާނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކުރާ ޚަރަދު ކުޑަކުރަން ޖެހޭނީ އެހެން ހުރިހާ ކަމަކަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ފަހުއެވެ. އެ ނޫން އެހެން ގޮތެއް ނެތް ކަމަށާއި ސަރުކާރުގެ އިސްރާފު އެތައް މިލިއަން ރުފިޔާއަކުން ގުނޭ ކަމަށް ވިދާޅުވިއެވެ.
ބަޖެޓުގެ ބަހުސް ކުރިއަށްދާތާ ހަތަރު ދުވަސް ވެގެން ދާއިރު، ސަރުކާރާ އިދިކޮޅު ގިނަ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރާ މައްސަލައަކީ ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ތަފްސީލު ބަޖެޓުގައި ހިމަނާފައި ނެތުމެވެ.