މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ސާބިތުވެ، އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް ގޭބަންދަށް ބަދަލުކޮށްފައި ހުރި 65 އަހަރުގެ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމެންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިޔާ ޓަވަރެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެއީ، ރ. އިންނަމާދޫ، ފެރޯމާގެ، މުހައްމަދު ސަލީމެވެ.
ނާހިދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ބަލައި ފާސްކުރިއިރުު މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 13 ރަބަރު ޕެކެޓު ފެނުނު ކަމަށެވެ. އަދި އޭނާގެ އެޕާޓްމެންޓުން އެފަދަ އަށް ރަބަރު ޕެކެޓު ފެނުނު ކަމަށް ވެސް ނާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަލީމަކީ 2016 ވަނަ އަހަރު ޑައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައެއްގައި ދައުވާކޮށް، މާޗު 17، 2019ގައި ދައުވާ ސާބިތުވުމުން އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހެއް ކަމަށެވެ. އަދި އޮކްޓޯބަރު 6، 2022ގައި ހައިކޯޓުން އެ ހުކުމް ދެމެހެއްޓި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި މައްސަލައިގެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް 2021 ޖުލައި އަށް ވަނަ ދުވަހު މީނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައި. މީގެ އިތުރުން 2023 ވަނަ އަހަރު ޑައިމޯފިން ޓްރެފިކް ކުރުމުގެ އިތުރު މައްސަލައެއްގައި ހުޅުމާލޭ ކޯޓުގައި މިހާރު ވެސް ޝަރީއަތް ހިނގަމުން އެބަދޭ،" ނާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މީހާ ގޭބަންދުގައި ހުރިއިރު ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް މަސްތުވާތަކެތި ހޯދަނީ އޭނާއާ ގުޅުން އޮންނަ ފަރާތްތަކުގެ އެހީގައި ކަމަށެވެ.
"މީނާއަކީ ވަރަށް ކުރީއްސުރެވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ފަރާތެއް. އެހެންވީމަ ގޭބަންދަށް ބަދަލުކުރީމަ ވެސް ހަމަ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެމުން މިގެންދިޔައީ،" ނާހިދު ވިދާޅުވިއެވެ.
"ދެން އެހެންވީމަ އޭނާއަކީ ވަރަށް ގިނަ މީހުންނާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ މީހެއް އެހެންވީމަ އޭގެ ތެރެއިން މަސްތުވާތަކެތި ގޭބަންދުގައި ހުއްޓަސް މި ހޯދަނީ."
ސަލީމް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.