އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓުގެ ބަހުސްގެ ޖަލްސާ މިރޭ 11 ޖަހަންދެން ކުރިއަށްގެންދަން ނިންމި ނަމަވެސް ބަހުސްކުރުމަށް އިތުރު މެންބަރަކު ފުރުސަތަށް އެދިފައި ނެތުމުން ޖަލްސާ ނިންމާލައިފިއެވެ.
ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށީ އިއްޔެއެވެ. އެއާއެކު މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވެސް ބަޖެޓުގެ ބަހުސްކުރުން އޮތެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން މިރޭ 11އާ ހަމައަށް ވަގުތު އިތުރުކޮށް، މާދަމާ ވެސް ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން ވޯޓަށް އަހާފައެވެ.
އެގޮތަށް ފާސްކުރި ނަމަވެސް ބަހުސްގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް މިއަދުގެ 13:45 ހިސާބަށެވެ. އެހާއިރު އިތުރު މެންބަރަކު ވާހަކަދައްކަވަން ފުރުސަތަކަށް އެދިފައި ނުވުމާއެކު ޖަލްސާ ވަނީ ނިންމާލާފައެވެ.
"މިހާ ހިސާބަށް އައިއިރު މިއަދުގެ ބަހުސްގަ އެއްވެސް ބޭފުޅަކު ވާހަކަދައްކަވަން އެދިވަޑައިގެން ނެތް. އެހެންވެ އަޅުގަނޑު ގަސްތު ކުރަނީ ބަހުސް ނިންމާލުމުގެ ބަދަލުގަ މާދަމާ އަނެއްކާ ވެސް ބަހުސައިގެން ކުރިއަށް ދާން. މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން އަޅުގަނޑު ގަސްތުކުރަނީ،" ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފަހު އެންމެ ފުރަތަމަ ވެސް ތަޅުމުގައި ބަހުސްކުރުން ކުރިއަށްގެންދެއެވެ. ނަމަވެސް މިފަހަރު އެންމެ ފުރަތަމަ ވަނީ ބަޖެޓު ކޮމިޓީއެއް އެކުލަވައިލާ، ބަޖެޓު ދިރާސާކުރުން ކުރިއަށް ގެންގޮސްފައެވެ. ތަޅުމުގައި މެންބަރުން ބަހުސްކުރަން ފެށީ އެއަށްފަހެވެ.