މާދަމާގެ ނިޔަލަށް ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން ވަގުތު އިތުރުކޮށްފި

20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މާދަމާގެ ނިޔަލަށް ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން މިއަދު ވަނީ ވަގުތު އިތުރުކޮށްފައި -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން މާދަމާގެ ނިޔަލަށް ބަހުސް ކުރިއަށްގެންދަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފައިކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މަޖިލީހަށް މިދިޔަ މަހުގެ 31 ގައި ހުށަހަޅުއްވާފައެވެ.

ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށީ އިއްޔެއެވެ. އެއާއެކު މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވެސް ބަޖެޓުގެ ބަހުސްކުރުން އޮތެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން މިރޭ 11 އާ ހަމައަށް ވަގުތު އިތުރުކޮށް، މާދަމާ ވެސް ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން ވޯޓަށް އަހާފައެވެ.

ވަގުތު އިތުރުކުރަން ނެގި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން ވަގުތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފަހު އެންމެ ފުރަތަމަ ވެސް ތަޅުމުގައި ބަހުސްކުރުން ކުރިއަށްގެންދެއެވެ. ނަމަވެސް މިފަހަރު އެންމެ ފުރަތަމަ ވަނީ ބަޖެޓު ކޮމިޓީއެއް އެކުލަވައިލާ، ބަޖެޓު ދިރާސާކުރުން ކުރިއަށް ގެންގޮސްފައެވެ. ތަޅުމުގައި މެންބަރުން ބަހުސްކުރަން ފެށީ އެއަށްފަހެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.

މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.

comment ކޮމެންޓް