ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ގައުމީ ފެންވަރުގައި ގާއިމުކުރަންޖެހޭ ކަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ރޭ ވިދާޅުވެއްޖެއެވެ.
ސައިބާ އެކްސްޕޯ 2024 އިފްތިތާހުކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިބާސެކިއުރިޓީ ހަރަކާތެއް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާކަމީ ރާއްޖޭގައި މި ދާއިރާގެ އިސްވެރީން މި މިކަންކަމާ ދޭތެރޭގައި ވިސްނުން ބަހައްޓަވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސަރުކާރުގެ އެކިއެކި އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ސައިބާއެޓޭކްތައް އަންނަ ކަމަށާއި މިހާރު ރާއްޖޭގެ ސައިބާ ސްޕޭސް އޮތް ގޮތް ދިވެހީން ވަޒަންކުރަން ޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރު ސައިބާ ހަމަލާތައް 31 ޕަސެންޓް އިތުރުވެފައި ވާކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ގޮތަށް ބަލާއިރު މީގެން ކޮންމެ ރެންސަމްވެއާ އެޓޭކެއްގެ އެވްރެޖް ވެލިއުއަކީ 200،000 ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއިން ވެސް ސަމާލުވާން ޖެހޭ ކަމަށާއި، ރާއްޖޭގައި ކުއްޖަކު ވިހާ ހިސާބުން ފެށިގެން އެކުއްޖާގެ ރެކޯޑުތަކުން ފެށިގެން ދައުލަތުގެ ހިންގުމުގެ އެންމެ ޓެކްނިކަލް ހިސާބާ ހަމައަށް ހުރިހާ ކަމެއް މިހާރު ހިނގަމުން އަންނަމީ ސައިބާ ސްޕޭސްގެ ތެރެއިންކަން އިހުސާން ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ އެންވަޔަރަމެންޓް ސެކިއުކުރުމަކީ އިންޑިވިޖުއަލީ އެ ވުޒާރާއެއް ނުވަތަ އެވިޔަފާރި ކުންފުންޏެއްގެ ތެރޭގައި އެކަނި އޮންނަ ކަމަކަށް ނުވޭ. ނެޝެނަލް ލެވެލްއެއްގައި އަޅުގަނޑުމެންގެ މުޅި ސައިބާ ސްޕޭސް މެނޭޖްކުރުން އަދި ސައިބާ ސްޕޭސްއަށް އަންނަ ތްރެޓްސްތައް ނެގޯޝިއޭޓްކޮށް އެއަށް އަޅުގަނޑުމެންގެ ޑިފެންސް ގާއިމްކޮށް އެ ތްރެޓަސްތައް ނިއުޓްރިއަލައިޒްކުރުމުގެ ގާބިލްކަން ނެޝެނަލް ލެވެލްގަ ގާއިމްކުރަންޖެހޭ
މިނިސްޓަރު އަލީ އިހުސާން
ވަޒީރު ވިދާޅުވީ ސައިބާ އެކްސްޕޯގައި މި ދާއިރާގައި ހިމެނޭ ތައުލީމީ ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އެންމެ ފުރިހަމައަށް ބައިވެރިވެ، ފައިދާ ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސައިބާ އެކްސްޕޯއަކީ ފުލުހުންނާއި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ގުޅިގެން އިންތިޒާމު ކުރާ ހަރަކާތެކެވެ.