އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ޝަރުތުތަކާ އެއްކޮށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ އެންމެ ފުރަތަމަ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ނޮވެންބަރު 23ގައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު 20ގައި އޭނާ އަލުން ބަންކުރުމަށް ހައި ކޯޓުން އަމުރުކުރުމުން، މިއަދާ ހަމައަށް ވެސް އޭނާ ހުރީ ބަންދުކޮށްފައެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ޝަރުތުތަކެއްކޮށް، ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލަން އަމުރުކުރައްވައިފައެވެ.
ލަމްހާގެ މައްޗަށް ކޯޓުން ކުރި ޝަރުތުތަކަކީ:
- ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުން
- ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ، އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުން
- މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިޔުން
- މައްސަލައިގައި ހެކި ބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުން
- އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ، ފުލުހުންގެ ހުއްދަ ހޯދުން
- ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުން
ލަމްހާ ބަންދުން ދޫކޮށްލާފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ދައުލަތުން ދެކޮޅު ހަދާފައި ވަނިކޮށެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އަދި، މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.
އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި، ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.