ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އިސްލާހު ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީން އިތުރު ދެ އިސްލާހު ގެނައުމަށްފަހުއެވެ. ދެ އިސްލާހު ވެސް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
ފުރަތަމަ އިސްލާހަކީ ސިޔާސީ ޕާޓީގެ އެއްވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމެވެ. އެގޮތުން ސިޔާސީ ޕާޓީއެއް ގާނޫނާ އެއްގޮތަށް އުވާލާނަމަ، އެ ޕާޓީގެ ނިޝާނާއި، ލޯގޯ ނުވަތަ ޕާޓީ ރަމްޒުކޮށްދޭ އެއްޗެއް، އެހެން ޕާޓީއަކުން ބޭނުންކުރެވޭނީ ޕާޓީ އުވާލާ ތާރީޚުން ފެށިގެން ފަސް އަހަރު ފަހުންކަމަށް އެ އަކުރުގައި ހިމެނުމަށެވެ.
މި ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ ތާއީދުކުރައްވާފައެވެ. އެއާއެކު އެ ހުށަހެޅުން ފާސްވީ މުޅި މަޖިލީހުގެ ކޮމިޓީގެ 41 މެންބަރުންގެ އިއްތިފާގުންނެވެ.
ދެވަނަ އިސްލާހަކީ ސިޔާސީ ޕާޓީއެއް އުވާލުމުގެ މާއްދާގެ ހ. ގެ ހަތަރު ވަނަ މާއްދާ އުނިކުރުމެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބާއްވާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއެއް އުވާލުމެވެ.
މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ތާއީދުކުރައްވާފައެވެ. އެ ހުށަހެޅުން ފާސްވީ މުޅި މަޖިލީހުގެ ކޮމިޓީގެ 39 މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ އިސްލާހު ގެނެސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު މިއަދުގެ ވޯޓު ގަޑީގައި ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބިލު ފާސްކުރީ 61 މެންބަރުންގެ ވޯޓާއެކުއެވެ. ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.
އިސްލާހުގައިވާ ކަންތައްތައް
އިސްލާހުގައި ވާގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާ އެކު އެ އިސްލާހުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10ވަނަ މާއްދާ އުވާލަން ވަނީ ނިންމައިފައެވެ. އެއީ, ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ މާއްދާއެވެ.
މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުމެވެ.
މި ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި 11 ސިޔާސީ ޕާޓީ އެބައޮތެވެ. އެއީ, އެމްޑީޕީ، ޕީއެންސީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްޓީޑީ، އެމްއެންޕީ، އެމްއާރްއެމް، ޑިމޮކްރެޓްސް އަދި ޕީއެންއެފްއެވެ.