2025ގެ ބަޖެޓަކީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭގޮތަށް ހީލަތްތެރިކަމާއެކު ރޭވި ރޭވުމެއް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް: އޭނާ ވަނީ 2025ގެ ބަޖެޓަކީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭގޮތަށް ހީލަތްތެރިކަމާއެކު ރޭވި ރޭވުމެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓަކީ، ސަރުކާރު ޖަވާބުދާރީކުރުވާނެ މަގު ބަންދުކުރުމަށްޓަކައި މި ސަރުކާރުން ރާވާފައި އޮތް 'ހީލަތްތެރި' ރޭވުމެއް ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފައިކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މަޖިލީހަށް މިދިޔަ މަހުގެ 31ގައި ހުށަހަޅުއްވާފައެވެ.

ބަޖެޓު ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު، ތަޅުމުގައި މިއަދު ވަނީ ބަޖެޓުގެ ބަހުސް ފަށާފައެވެ.

ބަހުސްގެ ވަގުތުގައި މެންބަރު މީކާއިލް ވިދާޅުވީ، ބަޖެޓު ހުށަހަޅާފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން ބަޖެޓުގެ ތަފްސީލުތައް މެންބަރުންނަށް ވެސް ނުލިބޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ އަބަދުވެސް ދައްކަނީ ގައުމު ބަނގުރޫޓުވާ ވާހަކައާއި، ޚަރަދުކުޑަކުރަންޖެހޭ ވާހަކައާއި އިސްލާހީ ފިޔަވަޅުތައް އަޅަންޖެހޭ ވާހަކަ ކަމަށެވެ. ނަމަވެސް ބަޖެޓުގައި ޚަރަދުކުޑަކުރަން ކުރި އެއްވެސް ކަމެއް ނެތް ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޚަރަދު ދަނީ ބޮޑުވަމުން ކަމަށާއި އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ މުވައްޒަފުން 'ގޮނޑި ހޫނުކުރަން ތިއްބަވާ ކަމަށް' ތުހުމަތުކުރެއްވިއެވެ.

ބަޖެޓުގައި ސިޔާސީ މުވައްޒަފުންގެ ޚަރަދުތައް ބޮޑުވާއިރު، ރައްޔިތުންގެ ޖީބަށް ސަރުކާރުން އަތްބާނާ ވަރު އަންނައަހަރު ބޮޑުވާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ. އެގޮތުން ޓެކްސް ބޮޑުކުރަނީ 'ރައްޔިތުންގެ ޖީބަށް އަތްބާނަން' ކަމަށް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ކަރަންޓާއި ކާބޯތަކެތިން ދޭ ސަބްސިޑީއާއި އަދި އެނޫންވެސް ސަބްސިޑީތައް ކަނޑާލާއިރު، ޑައިރެކްޓް ސަބްސިޑީ ދެން ދޭނީ ކިހިނެއްކަމެއް ރައްޔިތުންނަކަށް ނޭނގޭ ކަމަށެވެ. އަދި 2025 ވަނަ އަހަރަށް ރައްޔިތުން މިތިބީ ކަނު އަނދިރީގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ހުށަހަޅާފައި އޮތް ބަޖެޓުގައި ކޮން ރަށެއްގައި ހިނގަނީ ކޮން ކަމަކަށް ކިހާ ފައިސާއެއްތޯ ނޭނގޭ ކަމަށެވެ. އެކަން ކޮށްފައިވަނީ މި ސަރުކާރުން ވަރަށް 'ހީލަތްތެރިކޮށް، ވަރަށް ރޭވުންތެރިކަމާއެކު' ކަމަށް ވިދާޅުވިއެވެ.

ކިހިނެއްތޯ އަޅުގަނޑުމެން މި ބަޖެޓަށް ފާރަވެރިވާނީ؟ އަޅުގަނޑުމެން ކިހިނެއްތީ މި ބަޖެޓުގައި ޖަހާފައިހުރި ތަފާސްހިސާބުތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވާނި؟ އެއްވެސް މަގެއް ނެތް. އިއްޒަތްތެރި ރައީސް މި ބަޖެޓަކީ ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ މަންދޫބުން އަތުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބާރު، އެ މަގު ގެއްލުވާލާ ފުރަތަމަ ބަޖެޓު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.

މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.

comment ކޮމެންޓް