ކަނޑުގެ އޮއިން ހަކަތަ އުފައްދަން 'ވޭވް މޮނިޓަރިން ޕްރޮޖެކްޓް'ގެ ނަމުގައި ސްޓެލްކޯއިން ދިރާސާއެއް ފަށައިފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހަދާ ދިރާސާއިން ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރާނެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، އެ ދިރާސާއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ދައުރަށް ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލުކުރުމަށްޓަކައި ހަދާ ދިރާސާއެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގައި މިހާރު ބޭނުންކުރާ ސޯލާ ހަކަތައިގެ ބޭރުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަނޑުގެ އޮއިން ހަކަތަ އުފެއްދުމުގެ ގޮތްތައް ހޯދުމުން ސޯލާއަށްވުރެ އިތުރަށް އެ މަސައްކަތް ފުޅާކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އާ މަގެއް ކޮށޭނެ ކަމަށެވެ.
ވޭވް މޮނިޓަރިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ސްޓެލްކޯއިން ފަށާފައިވާ މަސައްކަތަކީ، ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި، ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަށް ހެދުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ކުރެވޭ މަސައްކަތް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ
ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި އެއާއެކު ހަކަތައިގެ ސަޕްލައި މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދިރާސާގެ އަމާޒަކީ މިހާރު ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކާއެކު، މިހާރަށްވުރެ ހަރުދަނާ އަދި އިތުބާރު ކުރެވޭ ހަކަތައިގެ ގްރިޑެއް އުފެއްދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން 33 ޕަސެންޓު ކަރަންޓު އުފެއްދުމަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އޭގެތެރެއިން މިހާތަނަށް ހިލޭ އެހީއަށް ހަމަޖެހުނީ 13 ޕަސެންޓު ކަމަށް މަރުކަޒީ ބޭންކް، (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.