ގޮންޖެހުންތައް ހުރި ނަމަވެސް، އަންނަ އަހަރު ޒަމާނީ ޕޭމަންޓު ސިސްޓަމްތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެންމެ ޒަމާނީ ޕޭމަންޓު ސިސްޓަމްތަކަށް އެކްސެސް ނުހޯދި އޮތީ ރާއްޖެއަކީ ކުޑަ ބާޒާރެއް ކަމަށް ވިޔަފާރިތަކަށް ވިސްނައިދީފައި އޮތުމުން ކަމަށެވެ.
އިރާދަކުރެއްވިޔާ އަންނަ އަހަރަކީ، މި ދެންނެވި ޕޭމަންޓު ގޭޓްވޭތަކާއި ދިވެހިރާއްޖެއަކީ ކުޑަ މާކެޓަކަށް ވީމައި ނުގެނެވިފައި ހުރި އެތައް ވަސީލަތްތަކެއް، މިސާލަކަށް ޕޭޕާލް، ދެންވެސް ހުރި މަނިޓައިޒް ކުރަން ޖެހޭ އެތައް ބައިވަރު އީވޮލެޓްސްތަކެއް، ޕޭމަންޓު ސިސްޓަމްތަކެއް ދިވެހިރާއްޖެއަށް އައިސް ނިމޭނެ. ގެނެވޭނެމިނިސްޓަރު ސައީދު
އެ ސިސްޓަމްތައް ގެނައުމަށް ގޮންޖެހުންތައް ހުރި ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ރައީސް. ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ކުރަމުންދާ ކަމަށާއި ރާއްޖެއަކީ ކުޑަ މާކެޓެއް ނޫން ކަން ދުނިޔެއަށް ކިޔައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ ވިޔަފާރި ޕޯޓަލް އޭޕީއައިގެ ފައިދާތަކަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އޭނާ ވިދާޅުވީ، ކުންފުންޏަކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުން އެ ކުންފުންޏަކަށް ބޭންކު އެކައުންޓެއް ހުޅުވުން މުހިންމުވާ ކަމަށެވެ.
މިގޮތުން، މީގެކުރިން މިނިސްޓްރީގައި ކުންފުނި ރަޖިސްޓްރީކުރުމަށް ފަހުގައި އެ ކުންފުންޏަކުން އެކައުންޓު ހުޅުވަން ދާން ޖެހެނީ ބެންކަކަށެވެ. އަދި އެބެންކުން ދޭ ފިޒިކަލް ފޯމު ފުރައިގެން މިނިސްޓްރީގެ ސްޓޭންޕު ޖެހުމުން ނޫނީ ބޭންކު އެކައުންޓެއް ނުހުޅުވެއެވެ.
ނަމަވެސް، އޭޕީއައިގެ ބަދަލާ އެއްކޮށް، ވަކި ހުދޫދެެއްގެ ތެރެއިން ޑޭޓާ ޕްރައިވަސީ ކޮންޓްރޯލް ކުރުމަށްފަހު، ފޯމު ހިފައިގެން މިނިސްޓްރީ ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމުގެ ހުއްދަ ބެންކުތަކަށް ދޭނެ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޕޭޕަލްއަކީ އޮންލައިން ފައިސާ ޓްރާންސްފާތައް ބަލައިގަންނަ، ގިނަ ޤައުމުތަކުގައި އޮންލައިން ޕޭމަންޓް ނިޒާމެއް ހިންގާ އެމެރިކާގެ ބައިނަލްއަޤްވާމީ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ. މިއީ ޗެކްތަކާއި މަނީ އޯޑަރުތައް ފަދަ އާންމު ކަރުދާސް އުސޫލުތަކުގެ ބަދަލުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ވަސީލަތެކެވެ.
މިދިޔަ އޮގަސްޓު މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ޕޭޕަލް ތައާރަފްކުރުމަށް ފުލް ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާކަން ހާމަކޮށްފައެވެ. އަދި އެ ކުންފުންޏާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ބުނެފައިވެއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭތީ އެ ކަމާ ގިނަ ޒުވާނުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދު ވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.