މިއީ، ރޯވުމާއި ފެންބޮޑުވުން ފަދަ ހާދިސާތައް އެންމެ ގިނައިން ރިޕޯޓުކުރި އަހަރު: އެންޑީއެމްއޭ

ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަރަށް ބޮޑަށް އަނދާފައި: އެންޑީއެމްއޭއިން ބުނީ މިއީ، ރޯވުމާއި ފެންބޮޑުވުން ފަދަ ހާދިސާތައް އެންމެ ގިނައިން ރިޕޯޓުކުރި އަހަރު ކަމަށް -- ފޮޓޯ/ އެމްއެންޑީއެފް

މި އަހަރަކީ އަލިފާނުގެ ހާދިސާއާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިގެން އެންމެ ގިނަ އަދަދަކަށް ރިޕޯޓުކުރި އަހަރު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ސީނިއާ ރިސޯސް އޮފިސަރު އާއިޝަތު އިފާ މުހައްމަދު ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

"އަލިފާނުގެ ހާދިސާތައް ވެސް އަދި އަހަރުން އަހަރަށް ގިނަވަމުން މިދަނީ. ރިޕޯޓުކުރާ މިންވަރު ވެސް އަދި ހާދިސާ ހިނގާ މިންވަރުވެސް. ފެންބޮޑުވުމުގެ ހާދިސާތައް ވެސް ރިޕޯޓުކުރާ މިންވަރު ކުރިއަރައިގެން އެބަދޭ އަހަރުން އަހަރަށް. މިއަހަރު އަދި ޚާއްސަކޮށް ފާހަގަކޮށްލެވޭ އެންޑީއެމްއޭގައި މިހާތަނަށް ރިޕޯޓުނުކުރާ މިންވަރަށް ހާދިސާތައް އެބަހުރި ރިޕޯޓުކުރެވިފަ،" އިފާ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެފައި، ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ސިފައިން

އެފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، އަދި އެހީ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެންޑީއެމްއޭއިން ދުރާލާ އަބަދުވެސް ތައްޔާރީތައްވާ ކަމަށް އިފާ ވިދާޅުވިއެވެ.

އެގޮތުން ފެން ބޮޑުވުމުގެ ސަބަބުން އެ ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާނެ ގޯނި އަބަދުވެސް ހޯދައި، ރައްކާކޮށްފައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގޯނި ގައުމުގެ އުތުރާއި ދެކުނަށް ފޯރުކޮށްދޭ ކަމަށް އިފާ ވިދާޅުވިއެވެ. އޭގެ އިތުރުން ރަށްރަށުގައި ފެން ބޮޑުވެއްޖެ ހާލަތުގައި ފެން ހިންދުމަށްޓަކައި ފެން ޕަމްޕު ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ނުވަ ރަށެއްގައި ރެސްޕޮންސް ޓީމްތަކެއް އުފައްދާފައިވާ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހާދިސާއެއް ހިނގާއިރު، އެތަނަކަށް ސިފައިން ނުވަތަ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ދިޔުމުގެ ކުރިން އެހީ ފޯރުކޮށްދިނުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ އެމަޖެންސީ މެނޭޖްމަންޓް ޑިރެކްޓަރު ފަރޫޝާ އަލީ ނަސީރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހާދިސާތައް އިތުރުވާ ކަމަށެވެ.

"އެ އަދަދު މަދެއް ނުވޭ. ކުޑަކޮށް މައްޗަށް ޖެހިލައި އެއްވަރަށް ހިފަހައްޓާލައި އެކަހަލަ ގޮތަކަށް އިނގޭތޯ ކުރިއަށް މިދަނީ،" ފަރޫޝާ ވިދާޅުވިއެވެ.

އެންޑީއެމްއޭއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ މުވައްޒަފުންގެ ދަތިކަމާއި، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކެވެ. ޚާއްސަކޮށް ރަށްރަށަށް ކަމެއް ދިމާވެއްޖެ ހާލަތުގައި ދަތުރުކުރުމަށްފަހު ޓީމްތައް ފޮނުވުމަށް އެ ހޭދަވާ ވަގުތަކީ ވަރަށް ގިނަ ކަންތައްތަކެއް ވާނެ ވަގުތު ކަމަށް ފަރޫޝާ ފާހަގަކުރެއްވިއެވެ.

ބުރުޒު މަގުގައި ހުރި ގެއެއްގައި ރޯވެ އަނދަނީ -- ސަން ފޮޓޯ

އެހެންކަމުން އާންމުން ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހީ ފޯރުކޮށްދެވެންދެން އަމިއްލައަށް ވެސް ކުރެވެން ހުރި ކަންކަން ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގިނަ ފަހަރަށް ލިބޭ ގެއްލުމަކީ ފަރުވާކުޑަވެގެން ލިބޭ ގެއްލުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއިން 30ގެ ހިމެނޭ ގޮތަށް، 57 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި ދިވެހި ސިފައިންނާއި ރެޑް ކްރެސެންޓްގެ ހޮޓްލައިންތަަކަށް 98 ކޯލް ލިބިފައިވެއެވެ. އަދި ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި، މާލެ ސިޓީ ކައުންސިލާއި، ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު 49 ތަނެއްގައި 304 ވެލި ބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ވެސް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް