ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ އާއި ސާބިއަން ސުޕާ ލީގާގެ ކުރުވޭނާ ޒުވެޒްޑާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.
ކުރުވޭނާ ޒުވެޒްޑާގެ ދަނޑުގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު ދެ ލަނޑުންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗު އެޓީމުން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. މިގޮތުން މެޗު ފެށުމާއެކު އެޓީމުންވަނީ ކުރުވޭނާގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއަކަށްވީ މެޗުގެ 13 ވަނަ މިނެޓުގައި ބާސާއިން މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިނީގޯ މާޓިނޭޒްއެވެ.
އެއަށްފަހު ވެސް ބާސާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބި ބޭކާރުވަމުން ދިޔަތަން ފެނުނެވެ. އަދި މިމެޗުގެ 27 ވަނަ މިނެޓުގައި ކުރުވޭނާއިން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ސިލާސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށް ބާސާ ސިއްސުވާލާފައެވެ. ނަމަވެސް ކުރުވޭނާއަށް މިގޮތުގައި ދެމި އޮވެވުނީ މެޗުގެ 43 ވަނަ މިނެޓާއި ހަމައަށެވެ. މިގޮތުން ބާސާގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.
މިމެޗުގެ ދެވަނަ ހާފު ބާސާއިން ފަށާފައިވަނީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ އަށް މިނެޓުގެ ތެރޭގައި ލެވަންޑޯސްކީ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަންގައި އޭނާ ބާސާއަށް މިހާތަނަށް ކުޅެދީފައިވާ 16 މެޗުގައި ކާމިޔާބު ކުރި 19 ވަނަ ލަނޑެވެ. އަދި މިހާރު މިވަނީ ޗެމްޕިއަންސް ލީގުގައި 99 ލަނޑު ހަމަކޮށްފައެވެ. އަދި މިމުބާރާތުގައި 100 ލަނޑު ހަމަކުރާ ތިންވަނަ ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު ލެވަންޑޯސްކީއަށް މިވަނީ ހުޅުވިފައެވެ.
މިމުބާރާތުގައި 100 ލަނޑު ކާމިޔާބު ކުރެވިފައިވާ ހަމައެކަނި ދެ ކުޅުންތެރިންނަނީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ލެވަންޑޯސްކީގެ މިލަނޑު ޖެހިތާ ދެ މިނެޓްފަހުން ބާސާގެ ކެޕްޓަން ރަފީނިއާވަނީ އެޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދނީ ފާމިން ލޯޕޭޒްއެވެ. މިމެޗުގައި ކުރުވޭނާ ޒުވެޒްޑާއިން ކާމިޔާބުކުރި ދެ ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ މިލްސަންއެވެ.
މިކާމިޔާބީއާއެކު ބާސާއިން މިހާރުވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ކުރުވޭނާ ޒުވެޒްޑާ އުޅެނީ ޕޮއިންޓެއް ނުލިބި ތާވަލްގެ 35 ވަނައިގައެވެ. މިމުބާރާތުގައި ޔޫކްރެއިނިއަން ޕްރިމިއާ ލީގުގެ ޝަކްޓާ ޑޮނެސްކް އާއި ސްވިސް ސުޕާ ލީގުގެ ޔަންގް ބޮއިސް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޝާކްޓާއެވެ.
މިމެޗުގެ ފުރަަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޔަންގް ބޯއިސްގެ ކަސްޓްރިއޮޓް އިމޭރީ ޖަހާ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން އޮލެކްސަންޑްރާ ޒުބްކޯވް ވަނީ ޝާކްޓާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މެޗުގެ 41 ވަނަ މިނެޓުގައި ހެއޯލީ ސުޑަކޯވް ވަނީ ޝާކްޓާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މިކާމިޔާބީއާއެކު ޝަކްޓާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 28 ވަނައަށް ކުރިއަށް ޖެހިލިއިރު ޔަންގް ބޯއިސް އުޅެނީ ޕޮއިންޓެއް ނުލިބި ތާވަލްގެ 34 ވަނައިގައެވެ.