ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެން ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް ލުއިސް ޑިއާޒްވަނީ މި ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާވަނީ މެޗުގައި ތިން ލަނޑު ޖަހައި، ހެޓްރިކެއް ފުރިހަމަކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޑިއާޒެވެ. މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ކޯޑީ ގަކްޕޯވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ލިވަޕޫލްގެ ފަހު ދެ ލަނޑު މެޗުގެ 83 ވަނަ މިނެޓާއި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޖަހާ ޑިއާޒްވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް، ލިބިފައިވާ 12 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް އަރާފައެވެ. ލެވަކޫސެން އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ.
މުބާރާތުގައި ކްރޮއޭޝިއާގެ އެޗްއެންއެލްގެ ޑީނަމޯ ޒަގްރެބްއާއި ސްލޮވާކް ސުޕާ ލީގާގެ ސްލޮވަން ބްރަޓީސްލާވާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4-1އިން ކާމިޔާބުކޮށްފައިވަނީ ޑީނަމޯ ޒަގްރެބެވެ. މެޗުގައި ބްރަޓިސްލާވާގެ ޑޭވިޑް ސްޓްރެލެކް ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް މެޗުގެ ނަތީޖާ ޑީނަމޯއަށް އެއްވަރުކޮށްދީފައިވަނީ ޑާރިއޯ ސްޕިކިޗެވެ. ޕީޓާ ސުސިޝް އެ ޓީމަށް މެޗުގެ ލީޑު ނަގައިދިންއިރު ޑީނަމޯގެ ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސަންޑްރޯ ކުލެނޮވިޗެވެ.
މި ކާމިޔާބީއާ އެކު ޑީނަމޯ މިހާރު އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ. ބްރަޓިސްލާވާ އޮތީ 36 ޓީމު ހިމެނޭ މި ލީގުގައި ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ.