ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނަށް ބާރުދިނުމުގެ ގޮތުން ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
އެ ޕްލޭންގެ މަސައްކަތް އިފުތިތާޙުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، މި ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގެނެސްދޭނެ ގައުމީ ތަރައްގީގެ ގާނޫނީ ބިލެއް މި މަސައްކަތުގެ ތެރޭގައި އެކުލަވާލެވި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅޭނެ ކަމަށެވެ.
މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށް ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތުގެ ދަށުން ދިގު މުއްދަތުގެ ޕްލޭން ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީ ބައްޓަންކުރުމަށް ގައުމު ދަތުރުކުރާނޭ މިސްރާބެއް ކަނޑައެޅުމުގައި ވަރަށް ވެސް ފަހި މަގުޗާޓެއް ކަމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އާންމު ދިރިއުޅުމުގެ ހާލަތު ދެނެގަނެ ދާއިރާތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހެއްކާއި މައުލޫމާތުގެ އެހީގައި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލްމީ ނަޒަރަކުން ދެނެގަނެވޭނެ ކަމަށެވެ.
މި ޕްލޭން ވެގެންދާނީ ގައުމުގެ ކުރިމަގު އުޖާލާކޮށް އަންނަން އޮތް ޖީލުތަކަށް ތަނަވަސް ފުދުންތެރި އުފާވެރި ރާއްޖެއެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްލޭން ބައްޓަންކުރުމުގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށާއި ތިމާވެށި ރައްކާތެރިކުރުމަށާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާނޭ ނޭދެވޭ އަސަރުތަކަށް އަޅާނޭ ފިޔަވަޅުތަކާއި ގާނޫނު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން އަލަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ރިއާޔަތްކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދާދިނުމާ އެކު އީޖާދީ އުފެއްދުންތަކާއި މުއާސަލާތީ ކުރިއެރުންތަކަށް ފަންނިއްޔާތުގެ އެހީގައި ރާއްޖެ ކުރިއަރާ ތަރައްގީވުމަށް މަގުފަހިކޮށްދެވޭނެ ގޮތްތައް ދެނެގަނެ އެފަދަ ކަންކަން ތަންފީޒުކުރުމުގައާއި މޮނިޓާކޮށް އިވޭލުއޭޓްކުރުމުގައި ބަލަންޖެހޭ ކަންތައްތައް މި ޕްލޭންގެ ދަށުން ފާހަގަކުރެވޭނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ހައިދަރު ވިދާޅުވީ، މި ފަދަ ކަންކަން ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުމާ އެކުގައި ކަމަށެވެ. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުޅާ ދާއިރާއެއްގައި މި ކަމަށް މަޝްވާރާ ނުލިބި އެކުލަވައިލާ ތަސައްވުރެއް ފުރިހަަމަނުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ.