ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމީ ތަރައްގީގެ ޕްލޭންގައި ބައިވެރިވާން ރައީސް އެދިވަޑައިގެންފި

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ސިޔާސީ ވިސްނުން އެއްކިބާކޮށް، ތަރައްގީގެ ޕްލޭން އެކުލަވައިލުމުގައި ބައިވެރިވާން އެދިވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ވިސްނުން އެއްކިބާކޮށް، ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ އެންމެންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކޮށްދެއްވައިފައެވެ. އެއީ، އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ޕްލޭން އިފުތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން. ރައްޔިތުން މުއްސަނދިވާން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި: އެ މަނިކުފާނު ވިދާޅުވީ، މިއީ ގައުމީ ކަމެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، މި ޕްލޭނާ ގުޅޭ ގޮތުން ހުރިހާ ރަށެއްގެ މީހުންނާއި ހުރިހާ ދާއިރާއެއްގެ މީހުންގެ ވިސްނުން ވެސް ހޯދާނެ ކަމަށެވެ.

"ހުރިހާ ދާއިރާތަކުން ވެސް، ސިޔާސީ ޕާޓީތަކުން ވެސް، ސިޔާސީ ވިސްނުން ދޫކޮށްލާފައި މި ކަމުގައި ބައިވެރިވާން [އެދެން]،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ޖީލުގެ ތަސައްވުރު ކަނޑައަޅަން މި އުޅެނީ. މިއީ ސިޔާސީ ކަމެއް ނޫން،"

އެ މަނިކުފާނު ވަނީ މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި އެހީތެރިވެދެއްވާތީ، ޔޫއެންޑީޕީއާއި އޮސްޓްރޭލިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ޕްލޭންގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ދުނިޔެއަށް އަންނަ ތަރައްގީ ވެސް ބަލައިގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަކީ މިއަދުގެ ހަގީގަތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ދާއިރާއިން ކުރިއެރުން ހޯދަންޖެހޭކަން ފާހަގަކުރައްވައިފައެވެ.

ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިއީ 20 އަހަރަށް އެކުލަވައިލާ ޕްލޭނެއް -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، ޑިޖިޓަލް އިގުތިސާދާއި އޭއައިގެ ބޭނުން ވެސް ހިފޭނެ ގޮތަކަށް ޕްލޭންގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަބަދު ވެސް ގައުމަށްޓަކައި ގުރުބާންވުމަކީ އަޅުގަނޑުމެންގެ ފަހުރުކަމުގައި ދެކިގެން [މަސައްކަތްކުރަންޖެހޭ]،" ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މި ޕްލޭނަށް ބާރުދޭން ގާނޫނުއަސާސީއަށް ވެސް މާއްދާއެއް އިތުރުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް