އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއިން ބްރެންޓްފަޑް ކޮޅަށް އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި، މެޗު ކާމިޔާބުކޮށްފިއެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ބްރެންޓްފަޑަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ނޯގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިޓާލީ ޖެނެލްޓެވެ. މި ލަނޑާ އެކު ފުލަމްއަށް ސިހުން ލިބިގެންދިޔަ ނަމަވެސް އެ ޓީމުންވަނީ ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. ފުލަމްއިން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ބްރެންޓްފަޑްއިން ވަނީ ޑިފެންސަށް ވިސްނުމާ އެކު ލިބޭ ފުރުސަތުތަކުގައި ކުރިއަށް އެރޭތޯ މަސައްކަތްކޮށްފައެވެ.
ދެވަނަ ހާފުގައި ފުލަމްގެ ތަފާތަކަށް ވެގެންދިޔައީ މެޗު ނިމެން ގާތްވެފައިވަނިކޮށް ކުޅެން އެރުވި ހެރީ ވިލްސަންއެވެ. މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ވިލްސަން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހުމާ އެކު މުޅި ދަނޑު އެއް އަޑަކުން ގުގުމައިގެންދިޔަ ތަން ފެނިގެންދިޔައެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން މެޗުން ފުލަމް މޮޅުވި ލަނޑު ވެސް ކާމިޔާބުކޮށްދިނީ ވިލްސަންއެވެ.
މި ކާމިޔާބީއާ އެކު ފުލަމް މިހާރު އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ. ބްރެންޓްފަޑް އޮތީ 13 ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގައެވެ.