މަޖުބޫރުން ސިފައިން ނެގުން ދެކޮޅެއް ނުޖެހޭ، ވައްދަންވާނީ ގާބިލު މީހުން: ޔާމީން

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، މަޖުބޫރުން ސިފައިން ނެގުން ދެކޮޅު ނުޖެހޭ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ދަށުން ސިފައިންނާއި ފުލުހުންގެ އަދަދުތައް އިތުރުކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށާއި ސިފައިންގެއަށް ވައްދަންޖެހޭނީ ގާބިލު މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ، ކިޔެވުމުުގެ އިތުރު ފުރުސަތާއި ވަޒީފާއެއް ނެތް ޒުވާނުން އަންނަ އަހަރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމުރީނު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ޕްރޮގްރާމްގެ ދަށުން މި ދައުރުގައި ކޮންމެ އަހަރަކު 1،000 ސިފައިން އަދި ޖުމްލަ 1،000 ފުލުހުން ތަމްރީނު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމުރީނުކުރަން ޖެހޭނީ އިލްމާއި ގާބިލުކަން ލިބިފައިވާ ބަޔަކު ކަމަށެވެ. އެގޮތުން، އެ ދެ މުއައްސަސާއަށް ޒުވާނުން ވައްދާނަމަ އެއީ އެ މަސައްކަތުގައި ކުރިއަށްދެވޭނެ ބަޔެއްކަން އެ ކުދިން ހޯދައިފައިވާ ތައުލީމުން ފެންނަން އޮންނަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަދި ދަރިކަލުން ޒޭން: ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ. މިތަނަށް މީހުން ނަގަން ވާނީ އޮން މެރިޓް، އެ ތަންތަނަށް ވަންނާނެ މީހުން މިހާރު ވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގެ ދެވަނަ މައްސަލައެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ ސިފައިންނާއި ފުލުހުންނަށް ކުރަން ޖެހޭ ޚަރަދުތަކެވެ. އަންނަ އަހަރު އެ ޕްރޮގްރާމު ފަށަން ނިންމާފައިވާއިރު އެ ކަމަށް ދާނެ ޚަރަދުތައް ބަޖެޓުގައި ފާހަގަކޮށްފައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ތުހުމަތުކުރެއްވީ ރައީސް އިއުލާންކުރެއްވި އަދަދަށް ސިފައިންނާއި ފުލުހުން ނަގަން ނިންމާފައިވަނީ އެ ޒިންމާއާ މެދު ސަރުކާރުން ރަނގަޅަށް ނުވިސްނައި ކަމަށެވެ.

"ފަސް އަހަރާ ހަމައަށް ދާންވާއިރަށް 5،000 އާ ސިފައިން ތިބެން އެބަޖެހޭ، 5،000 އާ ސިފައިން ތިބެން ޖެހޭއިރު އަޅުގަނޑު ދެންމެ ހިސާބެއްކޮށްލީ. ސިފައިން ކެޑޭޓުން ގޮތަށް ފުރަތަމަ މި ވައްދާ މީހުން 13،000 ރުފިޔާގައި މި ވައްދަނީ، ފުރަތަމަ މި އޮންނަ ޓްރެއިނިން ޕްރޮގްރާމް ނިމުނީމާ 15،500 ލިބެނީ. އެއްހާސް މީހުންނަށް އެއް އަހަރަށް މި ޖެހެނީ 186 މިލިއަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ސިފައިންގެ ބަޖެޓަށް އެކަނި ދެ ބިލިއަން ރުފިޔާ ޖެހޭ ކަމަށާއި ފުލުހުންގެ ބަޖެޓު ވެސް އެ އަދަދަށް އަރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކޮންތާކުންހޭ މި ދެކޮޅު ޖައްސަނީ؟ މިހާރު މަޖިލިސްގެ ގިނަ މެންބަރުން މި ކުރާ ޝަކުވާއަކީ ބަޖެޓެއްގެ ނަންބަރުތަކެއް ފޮނުވާފައި އޮތީއޭ. ނަންބަރަކީ ހަމަ ބަޖެޓު ނަންބަރު. އެއީ އެޗީވް ކުރެވޭނެ އެއްޗެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ

"އޭގެ ތަފުސީލްތަކެއް ދޭން ޖެހޭ. އޭގެ ތަފުސީލުތައް ދިނީމާ އެނގޭނީ މިއީ އެޗީވެބުލް އެއްޗެއްތޯ ނޫންތޯ. އެކަމެއް ނުކުރޭ،"

ނަސްރުގެ ދުވަހު އެމްއެންޑީއެފުން ބޭއްވި ހަރަކާތެއްގައި ރައީސް: ރައީސް ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކަށް އަހަރަކަށް 400 މިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ސިފައިންނާއި ފުލުހުންގެ ނިސްބަތުން އެކަށީގެންވާ ވަރަކަށް މިހާރު ވެސް ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ ކަމަށާއި، އަލަށް ނަގާ ކުދިންނާ އެކު ބޯހިޔާވަހިކަމާއި މުސާރަތައް ހަމަޖައްސާނީ ކިހިނެއްތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. ސަލާމަތީ ބާރުތަކަށް ނަގާ މީހުންގެ އަދަދު އިތުރުކުރަނީ ސިފައިންނާއި ފުލުހުން އެދިގެން ނޫން ކަމަށާއި މިއީ މަޝްވަރާނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޚަރަދަށް 49.2 ބިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.

ނަސްރުގެ ދުވަހު ރައީސް ދެއްވި ތަގުރީރުގައި ވިދާޅުވީ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ކޮންމެ އަހަރަކު ވެސް 400 މިލިއަން ރުފިޔާ ޚާއްސަ ކުރާނެ ކަމަށެވެ. އެގޮތުން، އަންނަ އަހަރު އެ ފައިސާ ހަމަޖައްސަނީ ބަޖެޓުގައި ހިމެނޭ ނިއު ޕޮލިސީ އިނިޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިންކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ސަރުކާރުގެ އާ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަ މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. އަދި، 2026ގައި އެ އަދަދު އެއް ބިލިއަނަށް އަރައި، 2027ގައި ދެ ބިލިއަނަށް އަރާނެ ކަމަށް ވެސް ސަރުކާރުން އަންދާޒާ ކޮށްފައިވެއެވެ.

comment ކޮމެންޓް