ސަރުކާރުން މިހާރު ގެންނަ ބަދަލުތަކާއެކު އިގުތިސާދު އެއް ހަމައެއްގައި ދައުލަތުގެ އާމްދަނީ ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓަރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އަންނަ އަހަރުގެ ބަޖެޓަށް އަލިއަޅުވާލައި 'ރައްޔިތުންގެ ސައްލާ'ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ސާއިދު ވިދާޅުވީ، ބަޖެޓުން ގެންނަ ނިޒާމީ ބަދަލުތަކަކީ ބިންގަލެއް ކަމަށެވެ.
ސަރުކާރުން ގެންނަ ބަދަލުތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޓެކްސް ނިޒާމު އިސްލާހު ކުރުމަށްޓަކައި 90އަށް ވުރެ ގިނަ އިސްލާހު ހިމެނޭ ޓެކްސްގެ އިދާރީ ގާނޫނާ ބެހޭ ބިލެއްގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ފޮނުވީ މި ސަރުކާރުން ކަމަށް ސާއިދު ވިދާޅުވިއެވެ.
އެކަންތައް ކުރެވުމުން އިގުތިސާދު ކުރިއަރަމުންދާ މިންވަރަށް ޓެކްސް އާމްދަނީ ވެސް ކުރިއަރަމުން ދާން ޖެހޭ ކަމަށާއި ނަމަވެސް ފާއިތުވި އަހަރުތަކުގައި ފާހަގަވެފައި ވަނީ، އިގުތިސާދުގެ ދުވެއްޔާ އެއްވަރަށް ދައުލަތުގެ އާމްދަނީ ކުރިނާރާކަން ކަމަށް ސާއިދު ވިދާޅުވިއެވެ.
އެކަމުން ދޭހަކޮށްދެނީ ޓެކްސްއާ ބެހޭ ގާނޫނުތަކަށް ތަބާވާ މިންވަރު މިހާރު ވަރަށް ދަށްވެފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ގެންނަ ބަދަލުތަކުން އެ މައްސަލަ އިސްލާހު ކުރެވޭނެ ކަމުގެ އިޝާރާތެއް ސާއިދު ދެއްވިއެވެ.
މިހާރު މި އެޅޭ ފިޔަވަޅުތަކާ އެކީގައި އިގުތިސާދާ އެއްހަމަ އެއްގައި ދައުލަތުގެ އާމްދަނީ ކުރިއެރޭނެ ފުރުސަތު ލިބިގެންދާނެ ފިނޭންސް މިނިސްޓަރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ
ޓެކްސް ގާނޫނުތަކަށް މީހުން ތަބާނުވާ ސަބަބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ކޯވިޑްގެ ހާލަތު ދިމާވުމުން ވިޔަފާރިތަކަށް އެހީތެރިކަން ބޭނުންވުމުން ސަރުކާރުން ލުއިތައް ދިންކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ކޮވިޑް ހާލަތުން އަރައިގަނެވި، އާންމު ހާލަތަށް ރުޖޫއަވި ފަހުން ވެސް އެ ލުއިތައް ދީފައި އޮތުމުން އެކަމާ ސުވާލު އުފެދޭ ކަމަށް ސާއިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަހަރު ހަމައެކަނި ނުހޯދި ފައިސާ ހޯދަން ކުރި މަސައްކަތުން އެތައް ބިލިއަން ރުފިޔާއެއް މީރާއަށް ވަނީ ހޯދިފައި،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މި ސަރުކާރު އައިއިރު، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު އެ މަނިކުފާނު ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 13 ބިލިއަނަށް އަރާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މީރާއިން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާގެ ތެރެެއިން ނުލިބި ހުރި 639 މިލިއަން ރުފިޔާ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހޯދައިފައިވެއެވެ.