ދައުލަތަށް ލިބެންޖެހޭ ފައިސާއިން 639 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި ހޯދައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާގެ ތެރެެއިން ނުލިބި ހުރި 639 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި މީރާއިން ހޯދައިފިއެވެ.

މީރާގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ވާގޮތުން މި ފައިސާ ހޯދައިފައި ވަނީ ހަ ގޮތަކަށެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްތެރޭ އެތައްފަހަރަކު ފައިސާ ހޯދުމަށް ޑިމާންޑުކޮށްގެން ވަނީ، 515 މިލިއަން ރުފިޔާ ހޯދައިފައެވެ.

ފައިސާ ހޯދައިފައިވާ އިތުރު ގޮތްތައް:

  • ޑިއުސް ކްލިއަރެންސް: 92 މިލިއަން
  • އެކައުންޓު ފްރީޒްކޮށްގެން: 21 މިލިއަން
  • އޯވަޑިއު ޕޭމަންޓް: 12 މިލިއަން
  • ހަނދާންކޮށްދީގެން: 135,439 ރުފިޔާ
  • ގާނޫނީ ފިޔަވަޅު އަޅައިގެން: 10،000 ރުފިޔާ

މި ފައިސާ މީރާއިން ހޯދައިފައި ވީނަމަވެސް، ދައުލަތަށް ލިބެންޖެހޭ ޓެކްސްގެ ތެރެއިން ނުލިބި އަދިވެސް 10 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ފައިސާގެ ތެރޭގައި ހިމެނެނީ:

  • ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 5.5 ބިލިއަން
  • ޓެކްސް ނޫން ގޮތްގޮތުން ލިބެންޖެހޭ 4.5 ބިލިއަން

މީރާއިން ނިމިދިޔަ ކުއާޓަރުގައި ވަނީ، ޖުމުލަ 83 އޮޑިޓެއް ހަދައިފައެވެ. އޭގެތެރޭގައި ބިޒްނަސް ޕްރޮފިޓް ޓެކްސްއާ ގުޅޭ 14 އޮޑިޓެއް ހަދައިފައި ވާއިރު، ޖެނެރަލް ސެކްޓާއިން ގޫޑްސް އެންޑް ސާވިސަސް ޓެކްސްއާ ގުޅޭ 10 އޮޑިޓެއް ހަދައިފައިވެއެވެ. އަދި ޓުއަރިޒަމް ސެކްޓާއިން ގޫޑްސް އެންޑް ސާވިސަސް ޓެކްސްއާ ގުޅޭ 17 އޮޑިޓަކާއި އިންކަމް ޓެކްސްއާ ގުޅޭ 37 އޮޑިޓެއްގެ އިތުރުން ގްރީން ޓެކްސްއާ ގުޅޭ ފަސް އޮޑިޓެއް ވަނީ ހަދައިފައެވެ.

މީގެ އިތުރުން، 92.53 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށް މި އޮޑިޓު ރިޕޯޓުތަކުން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް