ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އިތުރުން، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން، މަދުވެގެން އަހަރަކު ދެ ފަހަރު ބަޖެޓު ޕްރޮސެސް އޮޑިޓެއް ހަދަންޖެހޭ ގޮތަށް ހަދައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެސްއޯއީތަކުން އަހަރީ ބަޖެޓު އެކުލަވައިލަންޖެހޭ އުސޫލެއް އާންމުކޮށްފައެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި މިއަދު ނެރުނު އެ ސާކިއުލާގައި ވަނީ، އެ އުސޫލު އެކުލަވާލާފައިވަނީ ބަޖެޓު އެއްހަމައަކުން ދިރާސާ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށެވެ.
މި އުސޫލުގައި ސަރުކާރުގެ ތަންތަނުން ބަޖެޓު އެކުލަވާލުމުގައި ހަދަންޖެހޭ އާންމު ދިރާސާތަކާއި ޕްރޮސެސްތައް ވަނީ ކަނޑައަޅައިފައެވެ. އަދި ބެޖެޓު ރިވިއު ކުރުމަށް ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ބަޔާން ކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:
- މުވައްޒަފުންގެ ޚަރަދު އާމްދަނީގެ 30 ޕަސަންޓަށްވުރެ އިތުރުުނުވުން
- މަޖުބޫރު ހާލަތެއްގައި ނޫނީ ބަޖެޓަށް ބަދަލު ނުގެނައުން
- ބަދަލު ގެންނަން ޖެހިއްޖެނަމަ، ސަބަބު ބަޔާންކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން
- ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސުންގަޑިއެއްގެ ކުރިން ބަޖެޓު ހުށަހެޅުން
- އަހަރަކު ދެ ފަހަރު ކުންފުނީގެ ބަޖެޓު ޕްރޮސަސް އޮޑިޓެއް ހެދުން
ޕީސީބީން ބުނީ 2025ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަރުހަލާ ކުންފުނިތަކުން މިހާރު ފަށާފައިވާތީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ބަޖެޓާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލަން ފަށާނީ 2026ވަނަ އަހަރަށް ބަޖެޓު އެކުލަވައިލާއިރު ކަމަށެވެ.
އެހެން ނަމަވެސް، މި އުސޫލު ޝާއިއުކުރާ ދުވަހުން ފެށިގެން ބަޖެޓު ހާމަކުރުމުގެ މަސައްކަތާއި، ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތާއި ބަޖެޓަށް ބަދަލުގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލު ގެނައުމުގެ މަސައްކަތާއި އިންޓާނަލް އޮޑިޓު ފަންކްޝަންއިން ކުރަންޖެހޭ މަސައްކަތްތައް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް ގެންދިއުމަށް ޕީސީބީން ވަނީ ދައުލަތުގެ ވިޔަފާރިތަކަށް އަންގައިފައެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާ ރަނގަޅު ކަމަށާއި، އަނެއްކާ ވެސް އެ ބަދަލު ގެނައުމަށް ޓަކައި ގާނޫނަށް އިސްލާހެއް ގެނައުމަށް ވިސްނަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި އެހެނިހެން ކަންކަން ބަލައި މޮނިޓާ ކުރުމުން ގާނޫނީ ގޮތުން މިހާރު މަތިކޮށްފައި އޮންނަނީ ޕީސީބީއަށެވެ.