ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާ ރަނގަޅު ކަމަށާއި، އަނެއްކާ ވެސް އެ ބަދަލު ގެނައުމަށް ޓަކައި ގާނޫނަށް އިސްލާހެއް ގެނައުމަށް ވިސްނަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި އެހެނިހެން ކަންކަން ބަލައި މޮނިޓާ ކުރުމުން ގާނޫނީ ގޮތުން މިހާރު މަތިކޮށްފައި އޮންނަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ކުޑަ އާބާދީއެއް އޮތް ނަމަވެސް، ކަންކަމުގައި ޒިންމާވާނެ ބައެއް ޔަގީން ނުވާ ވަރަށް ރާއްޖޭގައި މުއައްސަސާތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިނގާ ސަބަބަކީ އެ ތަންތަނަށް ޒިންމާވާނީ ކޮން ބައެއްކަން ޔަގީންވެފައި ނެތުމުންނެވެ.
އަދި ކުންފުނިތައް ބެލެހެއްޓުމުގައި ވެސް އެ މައްސަލަ އޮތްކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
"ޕީސީބީން ބަލާނެ ކަމަށް އެއް ބަޔަކު ތިބެނީ. މިނިސްޓްރީން ބަލާނެ ކަމަށް އަނެއް ބަޔަކު ތިބެނީ. ކުންފުނިތަކުގެ ކޮރަޕްޝަނާއި ކަންތައްތައް ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް މައްޗަށް ދިޔައިރު އެ ކަންކަން ބެލޭނެ ގޮތެއް ވެސް ނެތް... މި ސަރުކާރުން އަޅުގަނޑުމެން ވަރަށް ސީރިއަސްލީ ކޮންސިޑާ ކުރާ ކަމެއް، މި ފަދަ ތަންތަން ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވި ގޮތުގައި މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާ ރަނގަޅެވެ.
އެހެން ކަމުން، ކުންފުނިތަކަށް ޒިންމާވާނެ ބަޔަކު ޔަގީން ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭނަމަ، އެ ކަމެއް ވެސް ކުރުމަށް ވިސްނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް މިދިޔަ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. މި ފަހުން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވުނު އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ.
އެ ކޯޕަރޭޝަނާއި ގުޅޭ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.