މި އަހަރު ދައުލަތުގެ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާނަމަވެސް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 574 މިލިއަން ރުފިޔާގެ ދަށްވުމެއްކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ އާމްދަނީ 3،725.1 ބިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރުގެ ޖަނަވަރީމަހުގެ އާމްދަނީ ހުރީ 3،151.1 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ އާމްދަނީ ދަށްވެފައިވީނަމަވެސް، ކުރި ޚަރަދުތަކާ އަޅާބަލާއިރު 1.05 ބިލިއަން ރުފިޔާ ވަނީ އަރަނިވެފައެވެ.
ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ންނެވެ. އެއީ 1.39 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ)އަށް ލިބުނު 378 މިލިއަން ރުފިޔާ ހިމެނުނުއިރު ފަތުރުވެރިކަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ)އަށް އެއް ބިލިއަން ލިބިފައިވެއެވެ.
ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ރިކަރެންޓް ޚަރަދުތަކަށެވެ. އެގޮތުން، މުސާރައާއި އިނާޔަތްތައް އަދި ޕެންޝަނަށް 955.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނަމަވެސް ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ 80.1 މިލިއަން ރުފިޔާއެވެ.
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މުދަލާއި ޚިދުމަތުން ނަގާ ޓެކުހުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދުތައް ކޮށްފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.
އެންސްޕާއަށް 172.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންނަށް 155.6 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. މީގެއިތުރުން، ގައުމީ ދިފާއީ ބާރަށް 125.6 މިލިއަން ރުފިޔާ، ސިއްހީ ވުޒާރާއަށް 120.7 މިލިއަން އަދި ތައުލީމީ ވުޒާރާއަށް 96.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހު 86 މިލިއަން ރުފިޔާ ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ޚަރަދުކޮށްފައިވެއެެވެ.
ދައުލަތުގެ ޚަރަދުތައް 2.10 ބިލިއަނަށް ޖަނަވަރީމަހު އަރާފައިވާއިރު، އިގުތިސާދު ސިންދަފާތު ކޮށްގެން މެނުވީ ހެޔޮ ބަދަލެއް ނުގެނެވޭނެކަމަށް އިގުތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ދައުލަތުގެ ޚަރަދުތައް އާމްދަނީއަށް ވުރެ އިތުރަށް ކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެންނަ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.
އެ ބަޖެޓުގައި، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ޖުމުލަ 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅު ހިމަނައިފައިވާއިރު، އެ ފިޔަވަޅުތަކާ އެކު ޚަރަދުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.