އެންމެން ބަލަން ތިއްބާ, ރޭ ފަތިހު މަޖީދީ މަގުގައި ހުރި ފޯނު ފިހާރައެއް ފަޅާލައި، ވައްކަންކުރިކަމުގެ ތުހުމަތުވާ މީހާ މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. މާރަންދޫ، ފިނިރޯޅި، އަހުމަދު ނިޔާޒް (47އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށް، ގެންގުޅުނު ދަބަސް ބަލައި ފާސްކުރިއިރު އެ ފިހާރައިން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ނުވަ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173071762657xY6h.jpg)
ފިހާރައިން ވައްކަންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ނިޔާޒް: އޭނާ އަތުން ނުވަ ފޯނު ފެނުނު ކަމަށް ފުލުހުން ބުނި --- ފޮޓޯ/ ފުލުހުން
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތިން ހިނގާފައި ދިޔަ މީހަކު ފުރަތަމަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލާ މަންޒަރު ފެނެއެވެ. އޭގެ ފަހުން މީހަކު އައިސް، ފިހާރައިން ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތަކެއް އަންނަނީ ދައުރުވަމުންނެވެ.
ފިހާރައަށް ވަން މީހާ އެ ތަނުގެ ވަތްގަނޑުތައް ހަލާކުކޮށްލައި، ކޮތަޅުކޮތަޅުގައި އެއްޗެހިތަކެއް ހިފައިގެން ނުކުންނަތަން ވެސް ވީޑިއޯއިން ފެނެއެވެ. އެ މީހާ ހުރީ މޫނު ނިވާކޮށްގެންނެއް ވެސް ނޫނެވެ. އެ މީހާ އެކަން ކުރީއިރު މަގުމަތިން މީހުން ދާތަނާއި ފިހާރައާ ދިމާ ބަލާތަން ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ، މަޖީދީ މަގުގައި ހުރި "ޒިއޯން މޯބައިލްސް 4" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ ކަމަށް މިއަދުގެ 5:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވައްކަމުގެ މައްސަލަތައް ދޭތެރެއަކުން ހިނގާއިރު، ހޮނިހިރު ދުވަހު ވެސް ވަނީ އޯޝެން ނީޓިކަލްސް ޕްރައިވެޓް ލިމިޓެޑުން 67 ކާޓަން ސިނގިރޭޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށް، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ށ. ފޭދޫ ހިރުނދުމާގޭ، އުމުރުން 24 އަހަރުގެ އަޙްމަދު ލުޖައިންއެވެ. ފުލުހުން ގެންދަނީ އެ މައްްސަލަ ތަހުގީގުކުރަމުންނެވެ.