މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރެކޯޑް އަދަދެއްގެ ފައިސާ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން 1.5 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.
ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ދެ ބިލިއަން ރުފިޔާ އާއި ހަތަރު ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ފޯރުކޮށްދިނުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މިއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިހާތަނަށް އެކުލަވާލާ އެންމެ ބޮޑު ބަޖެޓެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދިވެހި ސަރުކާރުން އަންނަ އަހަރު ސީދާގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. މި މަޝްރޫއުތައް ހިންގާނީ ރާއްޖޭގެ އެކިއެކި ރަށްތަކަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދެ ސިޔާސަތުގެ ސަބަބުން ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ފެނިގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އެކި މައްސަލަތަކުގެ ތެރެއިން ޝައްކެއްވެސް ނެތްގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލަ. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު. 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ މި ތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒުގެ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލެ ސަރަހައްދުގައި ދިރިއުޅޭއިރު، ލިބޭ އާމްދަނީއިން ބޮޑު ބައެއް ކުއްޔަށް ދައްކަން ޖެހުމަކީ އެންމެ ގިނަބައެއްގެ ކަންބޮޑުވުމެވެ. ބޮޑުކުލީގައި ކުދިކުދި ތަންތަންކޮޅުގައި އެތައް ބަޔަކު އުޅެން ޖެހުމަކީ ވެސް ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑެވެ. އަމިއްލަ ބިން ލިބިފައި އޮތް ނަމަވެސް އިމާރާތް ކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ބޯހިޔާވަހިކަމެއް ނުހޯދިތިބި އެތައް ބަޔަކު އެބައުޅެއެވެ.
އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 120 މިލިއަން ޑޮލަރު ހިމަނައިގެންނެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މާލީ ވުޒާރާއިން ބުނީ މިއީ އާ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ބަޖެޓުކުރެވޭ އަހަރަށްވާނެ ކަމަށެވެ.