ކަރަބާއޯ ކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދާފައިވަނީ ފަހު 16 ޓިމުގެ ބުރުގައި ލެސްޓާ ސިޓީއާ ބައްދަލުކުރި މެޗު ފަސް ލަނޑު ދެ ލަނޑުން ކާމިިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
މިމެޗުގައި ފެނުނު ހަތް ލަނޑުގެ ތެރެއިން ހަ ލަނޑު ފެނުނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިމެޗުވީ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެން ހާގް ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗަށެވެ. އެހެން ކަމުން މިމެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އެޓީމުގެ ވަގުތީ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ރޫޑް ވެން ނިސްޓެރޯއީ ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިމެޗުގައި ފެނުނު ކުޅުމުން ފާހަގަވިއެވެ. ނަތީޖާ އަކަށްވީ މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑުން މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަސެމީރޯއެވެ.
އެއަށްފަހު މެޗުގެ 28 ވަނަ މިނެޓުގައި އެލެހަންޑްރޯ ގެނާޗޯވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ލެސްޓާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިލާލް އެލް ޙާނޫސްއެވެ.
މިމެޗުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ 36 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭސްއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކަސެމީރޯއެވެ. ލެސްޓާއިން މިމެޗުގައި ކާމިޔާބުކުރި ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ކޯނޯ ކޯޑީއެވެ.
ފުރަތަމަ ހާފުގައި މިހާގިނަ ލަނޑުތަކެއް ފެނުމުން ދެވަނަ ހާފުގައި އިތުރު ލަނޑުތަކެއް ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް މިހާފުގައި ފެނުނީ އެންމެ ލަނޑެެކެވެ. ޔުނައިޓެޑުން ކާމިޔާބު ކުރި ފަސް ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބުނެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަހޯދާފައިވާއިރު ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަހޯދި ޓޮޓްނަމް ހޮޓްސްޕާ އާއެވެ.