ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ، 156 މިލިއަން ރުފިޔާއަށް

އެސްޓީއޯ ހެޑް އޮފީސް އިމާރާތް -- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިންވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއިން ހޯދާފައިވެއެވެ. އެހެން ނަމަވެސް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، 108 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބުނުއިރު، އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 251 މިލިއަން ރުފިޔާއެވެ.

އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، މި ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ޚަރަދުތައް ވަނީ އިތުރުވެފައެވެ. އެ ގޮތުން:

  • ސެލިން އެންޑް މާކެޓިން ޚަރަދު: 8.2 މިލިއަން ރުފިޔާ އިތުރުވެފައި
  • އިދާރީ ހިންގުމުގެ ޚަރަދު: 20.9 މިލިއަން ރުފިޔާ އިތުރުވެފައި
  • ފައިނޭންސް ޚަރަދު: 26.8 މިލިއަން ރުފިޔާ އިތުރުވެފައި
  • އިންކަމް ޓެކްސް އެކްސްޕެންސް: 12.6 މިލިއަން ރުފިޔާ އިތުރުވެފައި

އެސްޓީއޯއިން ވިއްކާ ހިއްސާއަަކަށް ޖެހޭ ރުފިޔާގެ އަދަދު މިދިޔަ 2023ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ 174 ރުފިޔާގައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 138 ރުފިޔާއަށް ދަށްވެފައެވެ.

އެސްޓީއޯގައި މަސައްކަތް ކުރަމުންދަނީ ޖުމްލަ 2،308 މުވައްޒަފުންނެވެ. މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް ތިންވަނަ ކުއާޓަރުގައި އިތުރެވެ. މި ކުއާޓަރުގައި އިތުރު 116 މުވައްޒަފުން އެ ކުންފުންޏަށް ނަގާފައިވެއެވެ.

ދިވެހި މުވައްޒަފުންގެ ގޮތުގައި 1،869 މުވައްޒަފުން އެސްޓީއޯގައި މަސައްކަތް ކުރާއިރު، 439 ބިދޭސީ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް