މަޖިލީހުގެ އަޣުލަބިއްޔަތު ރައީސަށް ލިބިވަޑައިގަތުމުން ކަންކަން ނިމެނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްނޫން: ނަޝީދު

ނަޝީދު: މަޖިލީހުގެ އަޣުލަބިއްޔަތު ރައީސަށް ލިބިވަޑައިގަތުމުން ކަންކަން ނިމެނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްނޫން ކަމަށް ވިދާޅުވި --- ފޮޓޯ/ ބޮޑުބަދަލު، އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، އެ ދައުރެއްގައި ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިވަޑައިގަތުމުން ކަންކަން ނިމެނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން 'ސަންގު ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އަބަދުވެސް ތާއިދުކުރައްވަނީ ޕާލިމަންޓްރީ ނުވަތަ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ.

އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި، ޖުމްހޫރިއްޔަތެއްގައި ބާރުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާއެއްގެ ސީދާ ކޮންޓްރޯލްގެ ދަށުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެއިރެއްގައި ހުންނަވާ ރައީސަކަށް ލިބިވަޑައިގަތުމުން، އެހެން ހުރިހާ ބާރެއް ވެސް ރައީސަށް ނެންގެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސްގައި ނަޝީދާއި ޞާލިހު-- ސަން ފޮޓޯ: ހާފިޒު

"އެހެންވީމަ ތަނަވަސް ރަނގަޅު ނިންމުންތައް ނުނިންމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ނުހޯދި، އަޅުގަނޑުމެނަށް ކަންކަން ނިންމެމުން މިދަނީ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް އައިސްގެން ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން، ތަކުރާރުކުރެއްވިއެވެ.

ނަޝީދު އެފަދައިން ވާހަކަދެއްކެވިއިރު، މަޖިލީހުގެ މި ހިނގާ ދައުރާއި އެންމެ ފަހުން އޮތް ދައުރުގައި ވެސް، ވެރިކަން ކުރާ ޕާޓީއަށް ސުޕަމެޖޯރިޓީ ލިބިފައިވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރު ގެނައީ ނަޝީދުގެ ތާއިދާއެކު ކަމަށްވާއިރު، އެ ދައުރުގައި ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރިއެވެ. އަދި އޭރު މަޖިލީހުގެ ރިޔާސަތުގައި ވެސް އެ މަނިކުފާނު ހުންނެވިއެވެ. ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނަޝީދާ ދެމެދު ގުޅުން ގޯސްވެ، އެމްޑީޕީ ދެބައިވިއެވެ. އަދި 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، އެމްޑީޕީގެ 12 މެންބަރުން ޕާޓީ ދޫކޮށްލެއްވިއިރު، ނަޝީދު ވެސް ފަހުން ޕާޓީން ވަކިވެވަޑައިގަތެވެ.

އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޞާލިޙަށް ރައީސްކަން ދިފާއުނުކުރެއްވުނުއިރު، ގިނަ ބަޔަކު ވަނީ އޭގެ މައިގަނޑު ސަބަބަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުން ކަމަށް ބުނެފައެވެ. އެ އިންތިޚާބާ ދިމާކޮށް ނަޝީދު އަމިއްލަ ޕާޓީއެއް އުފައްދަވައި، ރިޔާސީ ކެންޑިޑޭޓަކު ވެސް ނެރުއްވިއެވެ.

އެ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށްވާއިރު، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމްޑީޕީގެ 12 މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގަތެވެ. އަދި 20ވަނަ މަޖިލިސް އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ޕީއެންސީން ސުޕަމެޖޯރިޓީ ހޯދައިފައިވާއިރު، އެ ޕާޓީގެ 74 މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވައެވެ.

comment ކޮމެންޓް