މި އަހަރު ތެރޭ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް ފެށޭނެ ކަމަށް މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާގެ 'ރާއްޖޭ މިއަދު' ޕްރޮގްރާމުގައި ހަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އައިޖީއެމްއެޗްގައި ފާޓިލިޓީ ސެންޓަރު ތަރައްގީކޮށް ނިމި، މަދު ދުވަސްކޮޅެއް ތެރޭ އެތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.
އެތަން ހުޅުވައި، އެތަނުން އައިވީއެފްއާއި އައިޔޫއައި ހެދޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށާއި މިހާރު ވެސް އެ ޚިދުމަތް ފެށުމަށް އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ތަމްރީނުކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވަނީ އެ ޚިދުމަތް ފެށުމަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ފާޓިލިޓީ ސެންޓަރޭ މި ބުނީ އޭގެ ފުރިހަމަ މާނައިގައި. އައިވީއެފްއާއި އައިޔޫއައި ހެދޭނެ ފެންވަރަށް ހުރިހާ އިކުއިޕްމަންޓްތަކާއި އެކަމަށް ބޭނުންވާ އެކްސްޕާޓުންގެ އެހީއާއެކުސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް
އެންސްޕާއިން މީގެކުރިން ބުނީ، އާސަންދައިގެ ދަށުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތަށް ދައުލަތުން މިއަހަރު 30 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ފަރުވާ ޓްރީޓޮޕުން ދޭން ފަށާފައި ވަނީ ގާއިމުކުރަން މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެންނެވެ. މި ފަރުވާއަށް 46،000 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.
އެ ހޮސްޕިޓަލުން މިދިޔަ މެއި މަހު ބުނެފައިވާ ގޮތުން، އައިވީއެފް ފަރުވާ ކާމިޔާބު ކަމަށާއި އެހާތަނަށް ދެ ކުދިން އުފަންވެފައިވާ ކަމަށެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.