އާސަންދައިގެ ދަށުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތަށް ދައުލަތުން މިއަހަރު 30 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
އާސަންދަ މެދުވެރިކޮށް ދޭ އައިވީއެފްގެ ފަރުވާއާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މި 30 މިލިއަން ރުފިޔާއަކީ މި އަހަރު އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ 100 މީހުންނަށް ކަނޑައަޅާފައިވާ ބަޖެޓުކަމަށެވެ.
ހީނާ ވިދާޅުވީ އައިވީއެފަށް އެކި މީހުންނަށް ހިނގާ ޚަރަދު ތަފާތު ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސައިކަލްއިން ކާމިޔާބު ވެއްޖެނަމަ ދެވަނަ ނުވަތަ ތިންވަނަ ސައިކަލްއަކަށް ދާން ނުޖެހޭނެ ކަމަށާއި އެ ހިސާބުން އެ މީހެއްގެ ޕްރޮގްރާމް ނިމުނީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައެއް މީހުން ތިންވަނަ ސައިކަލްއަކާ ހަމައަށް ދާން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ ތިން ސައިކަލް ފުރިހަމަކުރާ މީހަކަށް ހިނގާ ޚަރަދު ތަފާތުވާނެކަން ހީނާ ފާހަގަކުރެއްވިއެވެ.
"އެހެން ސީދާ ކޮންމެ ބޭފުޅަކަށް ޚަރަދުވާނީ މިހާވަރެކޭ [ނުބުނެވޭނެ] އެހެން ނަމަވެސް ތިން ސައިކަލްއާ ހަމައަށް ޚަރަދު ކުރެވޭނެ ވަރު އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް މި ކަނޑައަޅައިދެނީ،" ހީނާާ ވިދާޅުވިއެވެ.
އައިވީއެފްގެ ފަރުވާއަށް ފުރަތަމަ ބުރުގައި ހުށަހެޅި 153 މީހުންގެ ތެރެއިން 37 މީހަކު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޝަރުތު ހަމަވެ، އާސަންދަ މެދުވެރިކޮށް އެ މީހުންނަށް އެހީ ހަމަޖެހިފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.