ޓްރީޓޮޕުން އައިވީއެފް ކާމިޔާބު، ދެ ކުދިން އުފަންވެއްޖެ

ރާއްޖޭގައި އައިއޭފް ހެދި ފުރަތަމަ ކުއްޖާ އުފަންވެއްޖެ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ރާއްޖޭގައި އައިވީއެފް ފަރުވާ ކާމިޔާބު ކަމަށާއި، ދެ ކުދިން އުފަންވެއްޖެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ރާއްޖޭގައި އައިވީއެފްގެ ފަރުވާ ދެނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އާސަންދަ މެދުވެރިކޮށް އެ ހޮސްޕިޓަލުން އައިވީއެފް ހެދޭނެ އިންތިޒާމު ވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއޯއޯ އާދިލް މޫސާ ވިދާޅުވީ، އެންމެ ފުރަތަމަ ފަހަރަށް އައިވީއެފް ކާމިޔާބުކުރި މީހާއަކީ ހަތަރު ފަހަރަށް ރާއްޖެއިން ބޭރުން އައިވީއެފް ހަދައި، ޓްރީޓޮޕްގައި ފުރަތަމަ ފަހަރަށް އައިވީއެފް ހެދި މީހެއް ކަމަށެވެ.

އެ މީހާ ވިހެއީ މި މަހުގެ 12 ވަނަ ދުވަހު އެ ހޮސްޕިޓަލުގައެވެ. ވިހޭއިރު، ކުއްޖާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭގެ ފަހުން ވެސް، އެ ހޮސްޕިޓަލުން އައިވީއެފް ހަދައިގެން ކުއްޖަކު އިއްޔެ ވަނީ އުފަންވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފާޓިލިޓީ ކޮންސަލްޓަންޓް ޑޮކްޓަރު ޒާކިޔާ އަހުމަދު ވިދާޅުވީ ހަތަރު ބެޗެއްގެ އައިވީއެފް މިހާރު ހަދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލްޓައިމް އެމްބްރިއޮލޮޖިސްޓެއް ލިބުމުން މިހާރު ވެއިޓްލިސްޓްނުކުރާ ކަމަށާއި ޕޭޝަންޓް ތައްޔާރުވުމުން އައިވީއެފްގެ ޕުރޮސީޖާ އެ ހޮސްޕިޓަލުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ހެދި 36 އަހަރުގެ އަންހެން މީހާއަކީ ސިއްޙީ މައްސަލަތައް ވެސް ހުރި އަންހެނެއް ކަމަށް އޭނާ ފާހަގުރެއްވިއެވެ.

ޓްރީޓޮޕްގެ ސީއީއޯ ޑޮކްޓަރު ސްރިވަޓްސަން ސްރިދާރް ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގައި ސިއްހީ ޚިދުމަތް ކުރިއެރުވުމަށް އަދި އާއިލާތަކަށް އެ މީހުންގެ ހުވަފެންތައް ބިނާކުރަން މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ފަރުވާ ޓްރީޓޮޕުން ދޭން ފަށާފައިވަނީ ގާއިމުކުރަން މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެންނެވެ. މި ފަރުވާއަށް 46،000 ރުފިޔާ ހަރަދުކުރަން ޖެހެއެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި، އައިވީއެފްއާ އެކީގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ފަށަން އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް