މިދިޔަ ސަރުކާރުގައި އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސްއާ ހަވާލުކުރި ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްނުދާ ކަމަށާއި އެ ކުންފުނިން މާލޭގައި ކުރާ ހަމައެކަނި ކަމަކީ މޫނިމާގެ ކިޔައި ގެއެއް ހެދުން ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ތުހުމަތު ކުރެއްވި މައްސަލަ ބަލައިދޭން ފައްޔާޒު އެދިއްޖެއެވެ.
އިހުސާންގެ އެ ވާހަކަތަކާ ގުޅިގެން ފައްޔާޒުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންގެ ޚިދުމަތަށް ވެސް އެ ކަމުގައި ދެ ސިޓީއެއް މިއަދު ފޮނުއްވައިފައެވެ.
ފުލުހުންނަށް ފޮނުވި ސިޓީގައި ފައްޔާޒު ވިދާޅުވީ ޕޮލިސް ސްޓޭޝަން އެޅުމުގެ ޕްރޮޖެކްޓާ ގުޅުވައި އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުކުރާތާ އަހަރެއް ވާން ގާތްވެފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއާ ގުޅޭ އެ ފަދަ ކަމެއްގައި މިހައިތަނަށް އެއްވެސް ސުވާލެއްކޮށް ތަހުގީގެއް ހިންގައިފައިނުވާކަމަށް ސިޓީގައިވެއެވެ. އަދި އެ ތުހުމަތުތައް ކުރަނީ ޖަވާބުދާރީ ނުވެވޭ ގޮތަށްކަމަށް ވެސް ސިޓީގައިވެއެވެ.
އެއާއެކު ފައްޔާޒުވަނީ އެ ކަމާ ގުޅޭ ތަހުގީގެއް ހިންގާނަމަ އެ ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދިފައެވެ. އަދި އެކަމަށް އެއްބާރުލުން ދޭނެކަމަށް ވެސް ވިދާޅުވިއެވެ.
އޭސީސީއަށް ވެސް ފައްޔާޒު ފޮނުވި ސިޓީގައިވަނީ އެ ކަމުގެ ހަގީގަތް ހާމަކޮށްދީ އޭނާއަށް ޖަވާބުދާރީވެވޭނެ ގޮތެއް ފަހިކޮށްދޮނުމަށް އެދިވަޑައިގެންފައެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ވަނީ ދީފައެވެ. އަދި ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއްވާއިރު، އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި އިހުސާން ވިދާޅުވި ގޮތުގައި އިހުސާން ތުހުމަތުކުރެއްވި ގޮތުގައި އިންދިރާ ޕްރޮޖެކްޓްސްއިން ކުރަނީ އެންމެ މަސައްކަތެކެވެ. އެއީ، ބިގް ކުންފުނީގެ ހިއްސާ ގަނެގެން މޫނިމާގެ ހެދުމުގެ މަސައްކަތެވެ.
"ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން، މިހާރު މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތް ވަރަށް ބާރަށް ގޮސް ނިމެމުންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ،"
އިހުސާން މަޖިލީހުގައި އެ ފަދައިން ތުހުމަތުކުރެއްވި ނަމަވެސް ފައްޔާޒްގެ ނަމެއް ވިދާޅެއް ނުވެއެވެ. އެކަމަކު، ބިގް ކުންފުންޏަކީ ފައްޔާޒްގެ އާއިލީ ކުންފުންޏެވެ. އެ ކުންފުނީގައި ތިއްބަވަނީ ފައްޔާޒްގެ ބޭބޭފުޅު ހ. ބޯގަންވިލާ ހަސަން އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ ފޮޓޯގްރާފަރު މއ. ފަށުއި، މުހައްމަދު މުންޝިދެވެ.