ސައުދީ ސަފީރަކަށް ސަރީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ސައުދީ ސަފީރަކަށް އައްޔަނުކުރަން ނަން ފޮނުވި މ. ވެސްޓްސައިޑް އަހުމަދު ސަރީރު: މަޖިލީހުން ވަނީ ސަރީރަށް ރުހުން ދީފައި ---

ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ސައުދީ ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމަށް އައްޔަންކުރި މުހައްމަދު ތާހާ، ޕާކިސްތާން ސަފީރަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސަރީރަށް ރުހުންދިނީ 86 މެންބަރުންގެ އިއްތިފާގުންނެވެ.

މި މަހުގެ 15 ވަނަ ދުވަހު އޮތް ޖަލްސާގައި ސައުދީ ސަފީރަކަށް ސަރީރު އައްޔަންކުރުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. އެއާއެކު އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރީރު ވަނީ މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައެވެ. ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް ވެސް އަދާކުރެއްވިއެވެ.

އެ ގޮތުން، ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

ސައުދީ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދިން ސަރީރު: އޭނާ ވަނީ ޚާރިޖީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައި --

އަދި، 2000 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓޭރިއޭޓްގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ރާއްޖެ ތަމުސީލުކުރެއްވިއެވެ. ސަރީރު ވަނީ އދ.ގެ އާންމު މަޖިލީހުގެ 12 ސެޝަނެއްގައި ބައިވެރިވެ، ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ 11 ސެޝަނަކާއި، އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއޭޓް ތަމުސީލުކުރައްވާ ދެ ސެޝަނެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް)ގެ ޗެއާގެ މަގާމު ފުރުއްވާފައެވެ. އަދި، 2016 އިން 2017 އަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ފަރާތުން ކޯ ޗެއާގެ މަގާމު ފުރުއްވާފައި ވެސް ވެއެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކެންބަރާއިން ސޯޝަލް ސައިންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

comment ކޮމެންޓް