މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލުގެންނަވާ، ފޮރިން، ހެލްތު އަދި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ކެބިނެޓަށް އެ ދުވަހު ގެނައި ބަދަލަކީ އޭރު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައިފައެވެ. އަދި ފޮރިން މިނިސްޓަރަކަށް އައްޔަނުކުރެއްވީ އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޚަލީލްއެވެ. އަދި އާ ހެލްތް މިނިސްޓަރަކަށް މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އައްޔަނުކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރުކަމަށް ޚަލީލަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ރުހުން ދިނުމަށް 86 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓަރުކަމަށް ޒަމީރަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ރުހުން ދިނުމަށް 86 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.
ހެލްތު މިނިސްޓަރުކަމަށް ނާޒިމަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ރުހުން ދިނުމަށް 86 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.
އެ ބަދަލު ގެނައި ދުވަހު ރައްޔިތުންގެ މަޖިލީހަށް އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ޓަކައި ފޮނުވިއެވެ. އޭރު މަޖިލިސް އޮތީ ޗުއްޓީގައެވެ.
ޗުއްޓީއަށް ފަހު މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށް، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޓަކައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ. އޭގެ ފަހުން ކޮމިޓީން ނިންމީ ތިން މިނިސްޓަރުންނަށް ވެސް ރުހުން ދިނުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ބަދަލަކީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް މި ބަދަލު ގެންނަވާފައި މިވަނީ ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.