ފަރުތަކަށްވާ ގެއްލުމަށް ޖޫރިމަނާ ހޯދޭނެ ގޮތެއް ނެތް، ހައްލު ހޯދަން ގަވާއިދެއް ހަދަނީ

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރާއްޖޭގެ ފަރުތަކަށް އަރާ އުޅަނދުފަހަރުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދައުލަތަށް ހޯދޭނެ މަގުފަހި ކުރުމަށް، އެ ކަމާ ގުޅޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ފަރަށް އުޅަނދުފަހަރު އަރައިގެންވާ ގެއްލުމަށް ޖޫރިމަނާގެ ގޮތުގައި އީޕީއޭއިން ނަގަނީ ފަސް ކޮޑިމީޓަރާ ހަމައަށް 5،900 ރުފިޔާއެވެ. އަދި އެއަށްވުރެ ބޮޑު ސަރަހައްދެއްނަމަ، 12،600 ރުފިޔާއެވެ. އެހެން ނަމަވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ގެއްލުން ވެއްޖެނަމަ، ޖޫރިމަނާ އިތުރުވާނެއެވެ.

މި ފަދަ 51 މައްސަލައެއް އޮތްއިރު، ޖޫރިމަނާގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަ އޮތެވެ.

ފަރުތަކަށް އަރާ އުޅަނދުފަހަރަށް ކުރެވޭ ޖޫރިމަނާގެ ފައިސާ ދައުލަތަށް ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއަށް މިއަދުވަނީ އެންވަޔަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ ބޭފުޅުން ހާޒިރުކޮށްފައެވެ.

މަޖިލީހުގެ އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ފަރަށް އެރުމުން ކުރާ ޖޫރިމަނާއަށް ފަހުވެސް އެއްވެސް ހުރަހެއް ނެތި ރާއްޖޭގައި އޮޕަރޭޓު ކުރުމުގެ ފުރުސަތު ފަހިވެފައި ވާކަމަށެވެ. ނަމަވެސް ވިޔަފާރި ކުރެވޭނީ ޖޫރިމަނާ ކުރާ އުޅަނދު ނޫން އެހެން އުޅަނދެއްގައި ކަމަށާއި، އެ މީހުންނަށް ސަރުކާރުން ދޭންވާ ފައިސާއެއް އޮތް ނަމަ ގަވާއިދުން އެ ފައިސާއެއް ވެސް ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ޖޫރިމަނާ ފައިސާ ހޯދޭނޭ އެކަށީގެންވާ ނިޒާމެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނައީމް ވިދާޅުވީ އެ ފައިސާ ދައުލަތަށް ހޯދޭނީ، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ރާއްޖޭގައި އޮޕަރޭޓު ކުރުމަށް ދަތިކޮށްގެންކަމަށެވެ.

"ހުރިހާ އެންމެން ވެސް ގުޅިގެން މިކަން ރަނގަޅު ކުރެވޭނީ. ޓްރާންސްޕޯޓުން ވެސް، އެޓާނީ ޖެނެރަލް އޮފީހުން ވެސް އަދި އެންވަޔަމެންޓު [މިނިސްޓްރީން] ވެސް، އިކޮނަމިކް މިނިސްޓްރީ ވިޔަސް، މިކަހަލަ ކަންތައްތަކަށް ހަމަ ރިއާޔަތްކޮށް، އެންމެން އެކައްޗެއް ކިޔައިގެން ގާނޫނީ އޮނިގަނޑު ރަނގަޅުކޮށްގެން ނޫނީ [މައްސަލަ ހައްލު] ނުވާނެ" ނައީމް ވިދާޅުވިއެވެ.

މަޖިލީހުގެ އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --

އޭނާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ ފައިސާ ގިނަ ފަހަރާ ހޯދާފައި ހުންނަނީ ކޯޓު މަރުހަލާއަށް ނުގޮސް މަޝްވަރާކޮށްގެންނެވެ. އެ ނިޒާމު ބައްޓަންކޮށްފައި އޮންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން މަޝްވަރާކުރުމަށް ފަހު، ކަނޑައެޅޭ އަދަދު، ޖޫރިމަނާވާ ފަރާތުން ދައްކަން އެއްބަސްވާނަމަ، މައްސަލަ ނިމޭ ގޮތަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅީ ވެސް ކޯޓާ ހަމައަށް ނުގޮސް އެ ކަން ކުރެވޭނެ ގޮތްތައް ހޯދުމެވެ. އެއީ ކޯޓު މަރުހަލާގައި މައްސަލަ ދިގުލައިގެން ދިއުމާއި، ކޯޓުން ކަނޑައަޅާ ޖޫރިމަނާގެ އަދަދަށް ބަދަލު އައިސްދާނެތީއެވެ.

މަޖިލީހުގެ އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --

ފަރުތަކަށް އަރާ އުޅަނދުތައް އީޕީއޭއިން ޖޫރިމަނާ ކުރަނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލަށް ބަލައިގެން ހަދާފައިވާ ފޯމިއުލާއަކުންނެވެ. އެ ފޯމިއުލާއަށް ބަދަލުގެނެސް، ޖޫރިމަނާގެ އަދަދު ކުޑަކޮށްފިނަމަ ގެއްލުންވާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ފަރުތަކަށް އަރައިގެން އުޅަނދު ޖޫރިމަނާ ކުރުމުގެ 51 މައްސަލައެއްގެ ތެރެއިން ފައިސާ ދައްކާފައި އޮތީ ދެ ފަރާތަކުން ކަމަށެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް ފަސް ލައްކައިން ދަށުން ކޮށްފައިވާ ކުދި ޖޫރިމަނާތަކުގެ ފައިސާ ގިނަ ފަރާތްތަކުން ދައްކާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އީޕީއޭގެ ފަރާތުންވަނީ، ރާއްޖެއަށް އަންނަ ޝިޕިން މާޗެންޓްސް އިންޝޫރެންސް ކުރާނެ ރަނގަޅު އުސޫލުތަކެއް ހެދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފަރުތަކަށް އަރާ އުޅަނދުތައް ރެގިއުލޭޓު ކުރުމާބެހޭ ގަވާއިދެއް މީގެ ކުރިން އޮތް ނަމަވެސް މިހާރު، ޖޫރިމަނާ ކުރެވެނީ ވެސް ފަރަށް އަރާ އުޅަނދު އެ ތަނުން ނެގުމުންނެވެ. ބައެއް އުޅަނދުތައް ފަރަށް އެރި ގޮތަށް ނުނަގައި ވެސް އެބަހުރި ކަމަށާއި، އެ ކަމާ ކުރެވޭނެ ކަމެއް އަދި ނެތް ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް