އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވި ކަމަކަށް ނުދެކެން: މުހައްމަދު އިސްމާއީލް

ވިލިމާލެ ދާއިރާގެ، ޕީއެންސީ މެންބަރު މުޙައްމަދު އިސްމާއިލް: -- ފޮޓޯ/ މަޖިލިސް

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުން ލަސްވި ކަމަށް ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ސަރުކާރުގެ ނިންމުމަށް 316 ދުވަސް ފަހުން، ރައްޔިތުންގެ މަޖިލީހުން އިއްޔެ އެ ބިލް ފާސްކޮށް، ރައީސްވަނީ ވަގުތުން ބިލް ތަސްދީގު ވެސް ކުރައްވައިފައެވެ.

https://sun.mv/204801

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މިހައި ގިނަ ދުވަސްވީ ކީއްވެގެންތޯ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ އެ ފިޔަވަޅު އެޅުން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގައުމެއްގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން ގާނޫނަކުން މަނާކުރެވުމަކީ ބޮޑު ކަމެއް ކަމަށާއި، ކަމާގުޅުންހުރި ފަރާތްތަކާއެކު އެ މައްސަލަ ދިރާސާ ކުރުމަށާއި، އެފަދަ މަސައްކަތްތަކަށް ހޭދަވީ މުއްދަތު ގިނަ ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތާއެކު، މަޖިލީހަށް ހުށަހެޅޭ އިތުރު ކަންކަމުގެ މަސައްކަތްތައް ވެސް މަޖިލީހުން އައީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބިލާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވެސް ވަގުތު ހޭދަވީކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ތިވަރު ބޮޑު ޑިޒިޝަނެއް ނަގަން އަޅުގަނޑުމެންނަކަށް ވަގުތު ދިގު ވެގެން ދިޔަ ކަމަކަށެއް. މި ކިޔަނީ ގައުމެއްގެ ރައްޔިތުން މި ގައުމަށް އައުން، ގާނޫނެއްގެ ތެރެއިން އަޅުގަނޑުމެން މަނާކުރި ވާހަކަ،" މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ފާސްކޮށް ތަސްދީގު ކުރެވިފައިވަނީ ގިނަ ދިރާސަތަކާއި މަޝްވަރާއަށްފަހު، ރާއްޖެއަށް އެންމެ ލޮޅުން ކުޑަވާނޭ ގޮތަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކޮށްފައި މި ވަނީ، އެ މަސައްކަތް ނުހިނގައިގެން ކަންބޮޑުވުން ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ. އެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެސް އެތައް ފަހަރަކު ހުށަހެޅިއެވެ.

ހޯމަ ދުވަހު 241 ކޮމިޓީން ވަނީ ބިލު ފާސްކޮށްފައެވެ. ކޮމިޓީން ނިންމީ އިޒްރޭލް މީހުން އެތެރެވުން މަނާކުރުމުގެ ބަދަލުގައި އެ ގައުމުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރާށާއި ހަމަލާތައް ހުއްޓާލަންދެން އެ ފިޔަވަޅު ބާއްވާށެވެ.

https://sun.mv/204797

މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުގެ މެންބަރުން ފާހަގަކުރާއިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއީލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ބިލު ފާސްކޮށްފައި އޮތް ގޮތުން، އިޒްރޭލުގެ ވެރިންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވެވޭނެ ކަމަށާއި، އެއީ ފަލަސްތީނަށް ސަރުކާރުން ކުރި މަލާމާތެއް ކަމަށެވެ.

comment ކޮމެންޓް