ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މާލީ ވަޒީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއީ މިދިޔަ އަހަރު، މި އަހަރަށް މަޖިލީހުން ފާސްކުރި ޖުމުލަ 49.8 ބިލިއަން ރުފިޔާގެ އިތުރަށް ހުށަހަޅާ ބަޖެޓެކެވެ.
މާލީ ވުޒާރާއިން ބުނި ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެންނެއް ނޫނެވެ. އެ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އެއީ، ބަޖެޓުގެ 76 އިންސައްތައެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމީ މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
މާލީ ވަޒީރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:
- މުސާރައަށް 24.4 މިލިއަން ރުފިޔާ
- މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
- ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
- ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:
- ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާއަށް 2 ބިލިއަން ރުފިޔާ
- ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ
- ސްޓޫޑެންޓް ލޯނު ދޫކުރަން 458.4 މިލިއަން ރުފިޔާ
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ.
އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.
މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ވަރަށް ބޮޑަށް ކުޑަ އަދަދެކެވެ. ކުރިން އަންދާޒާކޮށްފައި އޮތީ މި އަހަރަށް 10 ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ރާއްޖެއަށް މާލީ ގޮންޖެހުންތައް ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓިން ވެސް ދަށްކުރިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމާ ގުޅިގެން ޚަރަދު ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރައްވާފައެވެ. އެ ގޮތުން، އެ މަނިކުފާނު މުސާރައިން 50 އިންސައްތަ ނުނަންގަވަން ވެސް ވަނީ ނިންމަވައިފައެވެ.