ދެ ފަހަރަށް ލީޑު ނަގާފައި ވެސް އާސެނަލަށް ލިވަޕޫލް ބައްޔެއް ނުކުރެވުނު

އިނގިރޭސި ޕްރިމިއާ ލީގުގައި ލީގަށް ވާދަކުރާ ދެ ޓީމު ކަމުގައިވާ އާސެނަލާއި ލިވަޕޫލު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިވެފައިވާ އާސެނަލުން މެޗު ފެށީ ވަރަށް ފޯރީގައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމުންވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން އެނބުރި އައިސް މެޗުގައި އާސެނަލްގެ ކެޕްޓަންކަން ކުރަމުންދިޔަ ބުކާޔޯ ސާކާއެވެ. ނަމަވެސް، އާސެނަލަށް މި ލީޑު ދެމެހެއްޓޭވަރުވީ ނުވަ މިނެޓް ވަންދެނެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. އާސެނަލުން ވަނި މި ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މިކޭލް މޮރީނޯއެވެ. މިއީ މޮރީނޯ އާސެނަލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗު ނިމެން ގާތްވަމުންދިޔަ ވަރަކަށް އާސެނަލުން ލިބިފައިވި ލީޑު ދިފާއުކުރެވޭތޯ މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ލިވަޕޫލަށް ހަމަލާ އުފެއްދުމަށް ލިބުނު ފުރުސަތު އިތުރުވުމެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ އާސެނަލާ ދެކޮޅަށް ލީގުގައި ސަލާހް ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

މިމެޗު އެއްވަރުވުމާ އެކު ލިވަޕޫލަށް ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލުނީއެވެ. ލިވަޕޫލް މިހާރު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އާސެނަލް އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް