އެއާ އަރޭބިއާއިން މާލެއާއި ޝާރްޖާއާ ދެމެދު ސީދާ ދަތުރުތައް ފަށަައިފި

އެއާ އަރޭބިއާގެ މަތިންދާ ބޯޓެއް: އެ އެއާލައިނުން ވަނީ ރާއްޖެއާއި ޝާރްޖާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައި --- ފޮޓޯ/ ޚަލީޖް ޓައިމްސް

މެދުއިރުމަތީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާއިން މާލެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މިކަން ފާހަގަކުރުމަށް މިއަދު ޝާރްޖާ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވެސް ވަނީ ކުޑަ ހަފުލާއެއް ބާއްވާފައެވެ. އަދި ރާއްޖެއައި އެއާ އަރޭބިއާގެ ފުރަތަމަ ފްލައިޓަށް ވީއައިއޭއިން ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިމްރާހީމް ޝަރީފު މުހައްމަދު ވިދާޅުވީ، މި ދަތުރުތައް ފެށުމުގެ ސަބަބުން ރާއްޖޭއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެކަމަށެވެ. އަދި ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެޅުނު ރަނގަޅު ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެއާ އަރޭބިއާ ގްރޫޕުގެ ސީއީއޯ ވިދާޅުވީ، މިއީ އެ އެއާލައިނުގެ ނެޓްވޯކް ބޮޑުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެއާ އަރޭބިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ 100އަށް ވުރެ ގިނަ މާކެޓަށް ހުޅުވޭ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ އަރޭބިއާއިން ދަތުރުކުރަނީ ދުނިޔޭގެ އެންމެ ޒަމާނީ އަދި އެންމެ ގިނައިން ވިއްކޭ ސިންގަލް އެއިލް މަތިންދާބޯޓުތަކުގެ ގޮތުގައި ބެލެވޭ އެއާބަސް އޭ320 އަދި އޭ321 މަތިންދާބޯޓުތަކުންނެވެ.

މި ބޯޓުތަކުގެ ކެބިންތަކުގައި ގޮނޑިތައް ހުންނަ ގޮތުން އިކޮނޮމީ ކްލާހުގެ އެހެން ބޯޓުތަކާ އަޅާބަލާއިރު ވަރަށް ތަނަވަސްކޮށް ދަތުރުކުރެވެއެވެ. މީގެ އިތުރުން، މި ބޯޓުތަކުގައި "ސްކައިޓައިމް"ގެ ނަމުގައި ހިލޭ ސްޓްރީމިން ޚިދުމަތެއް ލިބެއެވެ. މި ޚިދުމަތުން ފަސިންޖަރުންނަށް އެ މީހުންގެ ޑިވައިސްތަކުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ސްޓްރީމްކުރެވެއެވެ.

ކަސްޓަމަރުންނަށް މިހާރު ޝާރްޖާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތަކުން ޓިކެޓް ގަނެވޭނެއެވެ. އެއާ އަރޭބިއާގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ ކޯލް ސެންޓަރަށް ގުޅައިގެން ނުވަތަ ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް މިހާރު ޓިކެޓް ނެގޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް