ހިޒްބުﷲއާ ދެކޮޅަށް އެއްގަމުން ހިންގާ އޮޕަރޭޝަންތައް އިސްރާއީލުން ހުއްޓާލަނީ

އިސްރާއީލު ސިފައިންގެ ބަޔަކު ހިތާމަކުރަނީ

ޣައްޒާ (27 އޮކްޓޯބަރު 2024): ލުބްނާނުގައި ހިޒްބުﷲއާ ދެކޮޅަށް އެއްގަމު މަގުން އިސްރާއީލު ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ހާޒޭ ހަލޭވީ ވިދާޅުވި ގޮތުގައި ލުބްނާނުގައި ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ފެށި އަސްކަރީ އޮޕަރޭޝަން ކާމިޔާބެވެ. އެ އޮޕަރޭޝަންގެ މަގުސަދުތައްދަނީ ހާސިލުވަމުންނެވެ. އެހެންކަމުން ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެއްގަމު އޮޕަރޭޝަން ހުއްޓާލުމަށް މިހާރު ވަނީ ނިންމާފައެވެ.

ހާޒޭ ހަލޭވީ މިހެން ވިދާޅުވިއިރު އެއްގަމު މަގުން ލުބްނާނުގެ ތެރެއަށް ވަދެގަތުމަށް އިސްރާއީލުން ފެށި އަސްކަރީ އޮޕަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިން ކަމެއްވެއެވެ. އެއީ، ހިޒްބުﷲ ގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަރަހައްދުގައިވާ ޔަހޫދީ އަވަށްތަކުން ރެފިއުޖީންގެ ގޮތުގައި އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވާ ޔަހޫދީ ވަޒަންވެރިން އެ މީހުންގެ އަވަށްތަކަށް އަނބުރައި ގެނައުމާއި ލުބްނާނުގެ ލީތާނީ ކޯރާ ހަމައަށް ހިޒްބުﷲގެ މުޖާހިދުން ފަހަތަށް ޖެއްސުމާއި ހިޒްބުﷲ އަސްކަރީ ގޮތުން ބަލިކޮށްލުމެވެ.

އެއްގަމުމަގުން ލުބްނާނަށް އަރައިގަތުމަށް އިސްރާއީލުން ފެށި އޮޕަރޭޝަނަށް މަހެއްވެފައިވާއިރު މިއިން އެއްވެސް މަގުސަދެއް އިސްރާއީލަށް އަދި ހާސިލުވެފައެއް ނުވެއެވެ. މަގުސަދު ހާސިލުނުވާކަން އެނގެނީ އިސްރާއީލުގެ އަމަލުތަކުންނެވެ.

ހަމާސް އާއި ހިޒްބުﷲ ގެ މުޖާހިދުންގެ އަތްދަށުން މަރުވެފައިވާ އިސްރާއީލު ސިފައިންގެ ބައެއްގެ ސަންދޯންތަކެއް

ހިޒްބުﷲ ގެ އިސްވެރިން ޝަހީދުކޮށްލުމާއި ލުބްނާނުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާދީންގެން އާންމުން މެރުން ފިޔަވައި އެހެން އެއްވެސް ކަމެއް މި މުއްދަތުގައި އިސްރާއީލަށް ހާސިލުވެފައެއް ނުވެއެވެ. ލީޑަރުން ޝަހީދުކޮށްލި ނަމަވެސް އިސްރާއީލު ލަފާކުރި ގޮތާ ޚިލާފަށް ހިޒްބުﷲ ގެ ހަމަލާތައްވީ އިތުރަށް ވަރުގަދައެވެ.

ކުރިން ހިޒްބުﷲ ހަމަލާދެނީ ހަމައެކަނި އިސްރާއީލުގެ އުތުރަށް އެކަންޏެވެ. ނަމަވެސް، މިހާރު ހިޒްބުﷲއިން ވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގެ އިތުރުން އިސްރާއީލުގެ އެންމެ ބޮޑު އިގުތިސާދީ ސިޓީކަމަށްވާ ހައިފާއަށާއި ވެރިރަށް ޓެލްއަވީވަށް ވެސް ކޮންމެ ދުވަހަކު ގިނަ ހަމަލާތަކެއް ދޭން ފަށާފައެވެ.

މިކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ބިންގަރާސްތަކަށް ވަންނަން ޖެހި އިސްރާއީލުގެ އާންމުންނާއި މަސްއޫލުވެރިންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. އެއްގަމު މަގުން ކުރާ ހަނގުރާމައިގާ ހިޒްބުﷲ ގެ އަތްދަށުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުނުވާ ދުވަހެއް ވަރަށް މަދެވެ.

އެއްގަމު ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ 70 އަށް ވުރެގިނަ ސިފައިން ހިޒްބުﷲ ގެ ހަމަލާތަކުގައި މަރުވެފައިވާއިރު 700 އަށް ވުރެގިނަ ސިފައިން ޒަޚަމުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ އެއްބަސްވެފައެވެ.

ފާއިތުވި 36 ގަޑީއިރު ތެރޭގައި ވެސް އެއްގަމު ހަނގުރާމައިގައި ހިޒްބުﷲ ގެ އަތްދަށުން އިސްރާއީލު ސިފައިންގެ 15 މީހުން މަރުވެ، 45 މީހަކު ޒަޚަމުވެފައިވާކަމަށް އިސްރާއީލުންވަނީ އެއްބަސްވެފައެވެ.

ޚުދު އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ހާޒޭ ހަލޭވީ ވެސް ވަނީ އެއްގަމުން އިސްރާއީލު ސިފައިން ހިޒްބުﷲ އާ ދެކޮޅަށް ކުރަމުންގެންދަނީ ވަރަށް ވޭންދެނިވި ހަނގުރާމައެއްކަމަށް އިއްޔެ ސިފަކޮށްފައެވެ.

އަނެއްކޮޅުން އެއްގަމު ހަނގުރާމައިގެ ފުރަތަމަ ލަނޑުދަނޑި ކަމަށްވާ އިސްރާއީލުގެ އުތުރުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން އެ މީހުންގެ އަވަށްތަކަށް އަނބުރައި ގެންދިޔުމުގައި ވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ. އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން ހިޒްބުﷲ ގެ ހަމަލާތަކާ ގުޅިގެން ރެފިއުޖީންނަށްވެފައިވާ އިސްރާއީލުގެ އުތުރުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުން ދެން އެ މީހުންގެ އަވަށްތަކަށް އެނބުރި ދާން މިހާރު ބޭނުމެއް ވެސް ނުވެއެވެ.

އެއީ، އެ ތަންތަނަށް އަމާންކަން ގެނެސްދިނުމަކީ އިސްރާއީލު ސިފައިންނަށް ކުރެވޭނެ ކަމެއްކަމަށް އެ މީހުންނަށް ގަބޫލުނުކުރެވޭތީއެވެ. އިސްރާއީލުން ހިޒްބުﷲ ބަލިކުރާނެ ވާހަކަ ކުރިން ދެއްކިތާ މަހެއްހާ ދުވަސްވީއިރު ހިޒްބުﷲ ގެ ހަމަލާތައް ވީ އިތުރަށް ވަރުގަދައެވެ.

ކުރިން ހިޒްބުﷲ އިން އިސްރާއީލުގެ އެތެރެއިން 40 ކިލޯމީޓަރު ދުރަށް ރޮކެޓުން ހަމަލާދޭއިރު މިހާރު ބަލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ އެތެރެއިން 150 ކިލޯމީޓަރު ފުނަށް ހިޒްބުﷲ ވަނީ ހަމަލާދޭން ފަށާފައެވެ.

އަނެއްކޮޅުން ހިޒްބުﷲ އިއްޔެވަނީ އިސްރާއީލުގެ އުތުރާއި ހުޅަނގުގައިވާ ޔަހޫދީ 25 އަވަށަކުން މީހުން ހުސްކުރުމަށް އިސްރާއީލަށް އަންގާފައެވެ. އެ ތަންތަނުން މީހުން ހުސްނުކޮށްފިނަމަ އެ ތަންތަނަށް ދޭ ހަމަލާތަކުން ލިބޭ ގެއްލުންތަކުގެ ޒިންމާ ހިޒްބުﷲ ނުނަގާނެ ކަމަށް ވެސް އެ ޖަމާއަތުން ނެރުނު ބަޔާނެއް ބުނެއެވެ.

ޖުމުލަ 10 ވަރަކަށް ދުވަހުގެ ތެރޭގައި އެއްގަމު އޮޕަރޭޝަން ހުއްޓާލުމަށް އިސްރާއީލު ނިންމީ ވެސް އެ އޮޕަރޭޝަންގައި ހިޒްބުﷲ ގެ އަތްދަށުން އިސްރާއީލަށް ލިބޭ ގެއްލުންތައް (އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވަމުން ދިޔުން) އާދަޔާ ޚިލާފަށް ބޮޑުވަމުންދާތީ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

comment ކޮމެންޓް