ޔަހޫދީ އިސްރާއިލުން އީރާނަށް ވައިގެ މަގުން ދިން އުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ އިސްރާއިލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމަށާއި، ސަރަހައްދީ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިލުމަށް ރާއްޖޭން އިސްރާއިލަށް ވަނީ ގޮވާލައިފައެވެ.
ހަމައެއާއެކު ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބައިނއަލްއަގުވާމީ މުޖުތަމައަށް ވެސް ވެސް ސަރުކާރުން ގޮވާލައިފައިވެއެވެ.
އިސްރާއީލު ބުނާގޮތުން ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފުރަތަމަ ހަމަލާއާއި ދެވަނަ ހަމަލާއާ ދެމެދު ވިއްސަކަށް މިނެޓު އަދި ދެވަނަ ހަމަލާއާއި ތިންވަނަ ހަމަލާއާ ދެމެދު ބައިގަޑިއެއްހާއިރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ތިންފަހަރެއްގެ މަތިން އީރާނުގެ ޖުމްލަ 20 އަސްކަރީ ތަނަކަށް ފައިޓާޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް މިހާރުވަނީ ހުއްޓާލާފައެވެ. މިތަންތަނަކީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަންތަންކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.
އީރާނުން ކުރިން ބުނެފައިވާގޮތުން އިސްރާއީލުން ދޭ ރައްދު ހަމަލާތަކުން އީރާނަށް މާބޮޑު ގެއްލުމެއް ނުލިބޭނަމަ އީރާނުން ސީދާގޮތެއްގައި އިސްރާއީލަށް ރައްދު ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެޢީ ސަރަހައްދީ ހަނގުރާމައަކަށް ދާން އީރާން ބޭނުންނުވާތީއެވެ.
ނަމަވެސް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުރިން އިސްރާއީލަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެއެވެ. އަދި އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތަކާއި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ބިމާ ހަމަކޮށްލެވޭ ވަރުގެ ހަމަލާތަކެއް ދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.