ކ. ގުރައިދޫގައި ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު ފެށި ޚާއްސަ އޮޕަރޭޝަނުގެ ދަށުން އިމިގްރޭޝަނުން ފުރަަތަމަ ޒިޔާރަތްކޮށްފައި ވަނީ ގުރައިދޫއަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި އެ ޚިދުމަތުގެ 20 އޮފިސަރުންނާއި ފުލުހުންގެ ނުވަ އޮފިސަރުން ބައިވެރިވިއެވެ.
އެ ހަރަކާތާ ގުޅޭ ގޮތުން ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު އަތޮޅުތަކަށް ބައެއް ބިދޭސީން ދިއުމާއި އެކި ރަށްތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަ ވެފައިވާ ކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިޔުމާ ގުޅިގެން އަތޮޅުތަކަށް ފުޅާކުރި ހަރަކާތެކެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ގުރައިދޫން 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވެއެވެ. އަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުން ދީ، ފަސް ދިވެހީންނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ގުރައިދޫން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 39 ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ މީހުން ހިމެނެއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަަލަ ވަރަށް ބޮޑުވެފައިވާއިރު، މި ސަރުކާރުގެ އަމާޒަކީ މި މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ.
މިދިޔަ އަންގާރަ ދުވަހު ޝަމްއާން ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެއް އަހަރު ދުވަހުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލުމެވެ. އެ މަސައްކަތުގެ ދަށުން، މިދިޔަ ހޯމަ ދުވަހާ ހަމައަށް 4،361 ބިދޭސީއަކު ފުރުވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.