ސަރުކާރަށް އަހަރު ވާންވާއިރަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލެވޭނެ: އިމިގްރޭޝަން

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމާން ވަހީދު: އޭނާ ވިދާޅުވީ ސަރުކާރަށް އަހަރު ވާންވާއިރަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލެވޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރަށް އެއް އަހަރު ވާންވާއިރަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޝަމްއާން ވަހީދު ވިދާޅުވީ އެއް އަހަރު ދުވަހުގެ ޓާގެޓުގެ ގޮތުގައި ކަނޑައަޅާފައިވާ 5000 ބިދޭސީން ފުރުވާލުމަށް ކުރިއަށް ގެންދެވޭ މަސައްކަތް ތަކުގެ ދަށުން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް 4،361 ބިދޭސީއަކު ފުރުވާލެވިފައިވާކަމަށެވެ.

މި 4،361 ބިދޭސީންނަކީ ގަވާއިދާ ޚިލާފުވެގެން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންދެވި ފުރުވާލާފައިވާ ފަރާތްތަކެވެ. އަދި މީގެ އިތުރުން އަމިއްލައަށް ބޭނުންވެގެން ރާއްޖެއިން ފުރުވާލާފައިވާ ފަރާތްތަކާއި ނޯޓިސްދީ ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖެ ދޫކޮށް ދިއުމަށް އެންގުމުން ފުރާފައިވާ ފަރާތްތައްކަމަށް ވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ޓާގެޓްކަމުގަވާ 5000 ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޓާގެޓް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނޮވެމްބަރު 17ގެ ކުރިއަށް، ސަރުކާރަށް އެެއް އަހަރުވުމުގެ ކުރިއަށް ހާސިލް ކުރެވޭނެ ކަމާމެދު ވަރަށް ޔަގީންކަން އެބައޮތް،" ޝަމްއާން ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން: --- ފޮޓޯ/ ރައީސް އޮފީސް

ޝަމްއާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ރިޕޯޓުކުރުމަށް ތައާރަފްކޮށްފައިވާ 'އިމިގްރޭޝަން ވޮޗް' އަށް 861 މައްސަލައެއްް 21 އޮކްޓޯބަރާއި ހަމައަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މީގެތެރެއިން 596 ރިޕޯޓަށް އެޓެންޑްވެފައިވާ ކަމަށާއި ބާކީ 174 މައްސަލައަކީ އެއްވެސް ވަރަކަށް އިމިގްރޭޝަނާއި ގުޅުން ނެތް މައްސަލަތަކެއް ކަމަށެވެ. އަދި މިވަގުތު 91 މައްސަލައެއް ވެރިފިކޭޝަން ޕްރޮސެސްގައިވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝަމްއާން ވިދާޅުވީ މިވަގުތު އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި 135 ބިދޭސީން އެބަތިބި ކަމަށެވެ. އޭގެތެރޭގައި 121 ފިރިހެނުންނާއި 12 އަންހެނުން ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަމްއާން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ބޯޑަރު ހުރަސްކުރަން ގިނަ ބަޔަކު މަސައްކަތްކުރާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މި އަހަރު 51 ބިދޭސީއަކު މިހާތަނަށް މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެތެރެއިން ޝަޚްސު އޮޅުވާލުމާއި ވިސާ ފޯޖްކޮށްގެން ވަންނަން އުޅުމުގެ މައްސަލަތައް ފާހަގަވެފައިވާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް