ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ޔޫކްރޭނިއަން ޕްރިމިއާ ލީގުގެ ޝަކްޓާ ޑޮނެސްކް ބަލިކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗު އާސެނަލުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގައި އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ކާމިޔާބުކޮށްފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އާސެނަލްގެ ގެބްރިއެލް މާޓިނެއްލީ ޝަކްޓާގެ ގޯލަށް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި އެ ޓީމުގެ ކީޕަރު ޑިމިޓްރޯ ރިޒްނީކް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މެޗުގައި ޝަކްޓާ ފެނިގެންދިޔައީ ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާ އާސެނަލްގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީއަށް އަނިޔާވެ ދެވަނަ ހާފުގައި ބާލަން ވެސް ޖެހުނެވެ.
މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އޮތީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައެވެ. ޝަކްޓާ އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ 29 ވަަނައިގައެވެ.
މުބާރާތުގައި ސްޕޯޓިން ލިޒްބަންއާއި އެސްކޭ ސްޓާމް ގްރާޒް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-0 އިން ކާމިޔާބު ކޮށްފައިވަނީ ސްޕޯޓިންއެވެ. މެޗުގައި ސްޕޯޓިންގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޫނޯ ސަންޓޯސާއި ވިކްޓާ ގިޔޮކެރޭސްއެވެ.
މި ކާމިޔާބީއާ އެކު ސްޕޯޓިން މިހާރު އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ. ސްޓާމް ގްރާޒް އޮތީ ޕޮއިންޓެއް ނުލިބި 32 ވަނައިގައެވެ.