ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ މާލެ ސިޓީ ކައުންސިލް ގުޅިގެން ހުޅުމާލޭ ފަރުކޮޅުފުށީގައި ތަރައްގީކުރި ބުޅާ ފެސިލިޓީއަށް ބޭނުންވާ ނަރުހުން ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ސިޓީ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ބުޅާ ފެސިލިޓީއަށް ބޭނުންވާ ނަރުހަކާއި ޑޮކްޓަރަކު ހޯދުމަށް އިއުލާނުކޮށްއެވެ.
އެ އިއުލާނުގައި ވާގޮތުން އެ މަގާމަށް ކުރިމަތިލާ ޑޮކްޓަރުން މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތްވަނަ ނުވަތަ އަށްވަނަ ސަނަދު ހާސިލްކޮށްފައިވުމާއެކު މަޤާމުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
* ހުޅުމާލޭގައި ހުންނަ ޕެޓްކެއާ ފެސިލިޓީއަށް ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
* ޕެޓްކެއާ ފެސިލިޓީއަށް ގެންދެވޭ ބުޅާތަކުގެ މެޑިކަލް އެގްޒެމިނޭޝަން ހެދުމާއި، ސިއްހީ ހާލަތު ބެލެހެއްޓުން.
* ވެޓްރިނަރީ ޚިދުމަތް ބޭނުންވާ މާލޭގެ އަވަށްތަކަށް ޒިޔާރަތްކޮށް ޚިދުމަތް ދިނުން.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އާމްދަނީގެ ގޮތުގައި ސިޓީކައުންސިލުން ދޭން ނިންމާފައި ވަނީ 35،000 ރުފިޔާއެވެ.
މަގާމަށް ކުރިމަތިލާ ނަރުހުން ނާސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮއްފައިވާންޖެހެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
* ހުޅުމާލޭގައި ހުންނަ ޕެޓްކެއާ ފެސިލިޓީއަށް ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
* އާންމު ޗެކަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުން.
ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން (ކާންދިނުމާއި، ބޭސްއެޅުމާއި، އަދި އިންޖެކްޝަން ޖެހުން).
* ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި، އަދި މިނޫނަސް އެހެނިހެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ކުރުން.
ބުޅާ ފެސިލިޓީއަށް ނަރުހުންގެ ގޮތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ އާމްދަނީގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖައްސާފައި ވަނީ ސާވިސް އެލެވަންސް އާއި އެކު 8،230 ރުފިޔާއެވެ.
ސިޓީ ކައުންސިލުން ވަނީ އެ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މިމަހުގެ 29ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލުގެ ހ. ހުޅުގަލި، ތިން ވަނަ ފަންގިފިލާއަށް ހުށަހެށުމަށް އެދިފައެވެ.